ހުޅުމާލެއިން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަންތަކުން ޓްރާންސްފޯމަރުތަކުގެ ބައިތައް ވަގަށް ނަގާފައި ހުރުމުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ރޭ ފަތިހު އަދި މިރޭގެ ކަރަންޓް ދިއުމާ ގުޅިގެންނެވެ.
ފަހުމީ ވިދާޅުވީ އެ ކުންފުނީގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރޭ ފަތިހާއި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވީ އެގޮތަށް ޓްރާންސްފޯމަރުތަކުން ވައްކަން ކުރުމާ ގުޅިގެން ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެއީ މިކަން ކުރާ ފަރާތްތަކަށްވެސް ބޮޑު ނުރައްކަލެއް ކަމަށާއި ކަރަންޓުގެ އަސާސީ ހިދުމަތް 24 ގަޑިއިރު މެދުނުކެނޑި ދޭން އެ ކުންފުނިން ކުރަމުންގެންދާ މަސައްކަތަށްވެސް އެޅޭ ހުރަހެއް ކަމަށެވެ.
ފަހުމީ ވަނީ އެފަދަ ކަންކަން ކުރަމުންގެންދާ ފަރާތްތައް ހުއްޓުވައި އެ ފަރާތްތަކަށް ފިޔަވަޅު އަޅައިދީ އަދި ވަގަށް ނަގައިގެން ވިއްކާ މިދަފަ ތަކެތި ގަންނަ ފަރާތްތަކަށްވެސް ފިޔަވަޅު އަޅައިދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަަހައްދުތަކުން ރޭ ފަތިހު 4:45 ހާއިރު ވެސް ވަނީ ކަރަންޓް ކެނޑިފައެވެ.