އެކި މީހުން ކުރާ މަސައްކަތް ތަފާތެވެ. ހަމަ އެފަދައިން އެކި މީހުން މަސައްކަތް ފަށާ ގޮތްވެސް ތަފާތެވެ. ބައެއް މީހުންނަކީ އާމްދަނީ ހޯދުމުގެ ނިޔަތުގައި މަސައްކަތްތައް ފަށާ މީހުންނެވެ. އެހެންނަމަވެސް ލިބޭ ހުސް ވަގުތު ފުރާލުމަށްޓަކައި ބައެއް މީހުންނަށް ކޮށްލެވޭ ކަމަކުންވެސް އާމްދަނީ ހޯދުމުގެ މަގު ފަހިވެފައި އެބަހުއްޓެވެ. މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ހުސްވަގުތު ފުރުމުގެ ބޭނުމުގައި ނުވަތަ ފޫހިކަން ފިލުވާލުމަށް ކޮށްލެވޭ އެފަދަ މަސައްކަތަކުން ތިމާއަށް ލިބޭ ފައިދާ ބޮޑެވެ.

ހއ. ބާރަށަށް އުފަން އުމުރުން 41 އަހަރުގެ އާސިފް އަބްދުﷲ އަށް މަސްވެރިކަމުގެ ސިނާއަތަށް ވަދެވަޑައިގެންނެވުނީވެސް ހަމަ މިފަދަ ގޮތަކަށެވެ. 2002 ވަނަ އަހަރު އެ ރަށު ސްކޫލުން ސާނަވީ ތައުލީމް ހާސިލް ކުރެއްވުމަށްފަހު އާސިފް ގުޅިވަޑައިގަތީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. އެގޮތުން ވަން އެންޑް އޮންލީ ރީތި ރަށުގެ ހައުސް ކީޕިން ޑިޕާޓްމަންޓްގެ ސީނިއާ ރޫމްބޯއީއެއްގެ މަގާމުގައި އާސިފް ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.

ނިމިދިޔަ ދައުރުގައި ބާރަށުގެ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އާސިފަށް މަސްވެރިކަމުގެ ސިނާއަތަށް ވަދެވަޑައިގެންނެވުނީ އެ ދުވަސްވަރު ހުސްވަގުތު ފުރުމަށް ދޮށި އުކަން ވަޑައިގެންނެވި ވަޑައިގެނެވުމެއްގައެވެ. އެ ހިސާބުން އޭނާގެ ޝައުގުވެރިކަން އެ މަސައްކަތަށް ހުސްވީއެވެ.

އެ އުފެދުނު ޝައުގާއެކު އާސިފް ފުރަތަމަ ވަޑައިގަންނަވަން ފެއްޓެވީ ކަނޑުމަހުގެ މަސްވެރިކަމަށެވެ. އެއީ އޭނާގެ ގޭގައި މަހަށްދާ ދޯންޏެއް އޮތުމާއެކު އެ ދޯނިންނެވެ. އެހެންނަމަވެސް މިހާރު އެ ދޯނި މަހަށް ނުފުރާތީ ޑިންގީއެއް ހޯއްދަވައިގެން އޭނާ ނިކުންނަވަން ފެއްޓެވީ ފަރުމަހުގެ މަސްވެރިކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުވެސް މަހަށް ނިކުންނަވައި އެނބުރި ރަށަށް ވަޑައިގެން، ކުރާ އެ މަސްވެރިކަމުގައި މަހަށް ވަޑައިނުގަންނަވާ ދުވަހެއް ހަމަ ނުދާނެ ކަމަށެވެ.

އާސިފް އަބްދުﷲ އޭނާ ބޭނި މަހެއް ހިފަހައްޓައިގެން --

ބާނާ މަސްކޮޅު ކިރާނެ ގޮތެއް ނެތުމަކީ އެންމެ ބޮޑު ގޮންޖެހުން!

އާސިފް ވިދާޅުވީ އެންމެ ފަސޭހައިން ބޭނެނީ ފަރުމަސް ކަމަށާއި ކަނޑުމަސް ބޭނުނު ކަމުގައި ވިޔަސް އެ މަސް ވިއްކަން ބޮޑު ހޭދައެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެ ތަކެތި ވިއްކަން ވަރަށް ދުރު ހިސާބަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާއިރު މީހުންނަށް ފަރުމަސް ވިއްކަަވައިގެން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބިވަޑައިގަންވާ ކަމަށެވެ.

ބާނާ މަސްކޮޅު ހިފައިގެން އެކި ރަށްރަށަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާއިރު އޭނާ މީގެ ކުރިން ވަނީ ހަނިމާދޫ، ކެލާ އަދި ފިއްލަދޫއަށް ވަޑައިގެންވެސް މަސްކޮޅު ވިއްކާފައެވެ. އާސިފް ވިދާޅުވީ ފަރުމަސް ވިއްކަން ވަޑައިގަންނަވަނީ އެ ވަގުތެއްގައި އެންމެ ރަނގަޅު އަގެއް ހުޅައަޅާ ފަރާތަކަށް ކަމަށެވެ.

މިހާރު ފެނަކަ ސުޕަވައިޒަރެއްގެ މަގާމުގައި ހުންނެވި އާސިފް ޑިއުޓީއަށް ފަހު ގިނަ ވަގުތުތަކެއް ހޭދަ ކުރައްވަނީ ކަނޑުމަތީގައެވެ. ކުރައްވަމުން ގެންދަވާ ބުރަ އެ މަސައްކަތުން އެކަށީގެންވާ އަމްދަނީއެއް ލިބިވަޑައިނުގެންނެވި ކަމުގައި ވިޔަސް އެކަށީގެންވާ އާމްދަނީއެއް ލިބިވަޑައިގަންނަވާނެކަން އޭނާ ވެސް ގަބޫލު ކުރައްވައެވެ. އާސިފް ވިދާޅުވީ މި ވަގުތު މަސްވެރިކަމުން އާމްދަނީއެއް ލިބިވަޑައިނުގަންނަވަނީ މަސް ގަންނާނެ ބަޔަކު ނުވާތީ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންވެސް މަދުވަނީ ބާނާ މަސްކޮޅު ވިއްކާ އެއަށް އެކަށީގެންވާ އާމްދަނީ އެއް ނުލިބުމާއި މަސްވެރި ދޯނިތައް މަދުވުން ކަމަށް އާސިފް ގަބޫލު ކުރައްވައެވެ. އެހެންނަމަވެސް އެ މަސައްކަތުގައި ވަރަށް ކުޑަކުދިންވެސް އުޅޭތަން ފެނުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ.

ރިސޯޓާ ހިލާފަށް ރަށުގައި އަނބިދަރިން ކައިރީގައި ހުންނަވައި ކޮންމެވެސް އާމްދަނީއެއް ލިބޭ ފަދަ މަސައްކަތެއް ކުރެއްވުމަކީ އޭނާއަށްވެސް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އާސިފް އަބްދުﷲ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

އެ ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމާއެކު އާސިފް ވަނީ އެ ސިނާއަތަށް ވަންނަން ބޭނުންވާ ޒުވާނުންނަށްވެސް މެސެޖެއް ދެއްވާފައެވެ. އާސިފް ވިދާޅުވީ މަސްވެރިކަމަކީ އަމިއްލަ ރަށުގައި ހުރެގެން ހަމަ ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށާއި ރަށުގައި ހުރެގެން ރަށުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއްވެސް ކޮށްލުމަށްފަހު ބާކީ އޮންނަ ވަގުތުގައި އާމްދަނީއެއް ހޯދަން މަސްވެރިކަމަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށެވެ.

"މި ދާއިރާއަށް ވަންނަން ބޭނުންވާ ޒުވާނުންނަށް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ މަސްވެރިކަމަކީ އަމިއްލަ ރަށުގައި ހުރެގެން ހަމަ ރަނގަޅު އާމްދަނީ އެއް ލިބޭނެ އެއްޗެކޭ. ރަށުގައި ހުރެއްޖެއާ ރަށުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއްވެސް ކޮށްލާފައި ބާކީ އޮންނަ ވަގުތު ކޮޅު އާމްދަނީ އެއް ހޯދަން ރަނގަޅު މަސައްކަތެކޭ މި މަސައްކަތަކީ"
އާސިފް
އާސިފް އަބްދުﷲ އޭނާ ބޭނި މަހެއް ހިފަހައްޓައިގެން --

ބާރަށުގައި ރިސޯޓެއް ތަރައްގީކުރާ ވާހަކަތަކެއް ދެކެވޭކަން ފާހަގަކުރައްވާ އާސިފް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި އޭނާ ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ އެ ރަށުގައި ރިސޯޓު ހުޅުވި ބާނާ މަސްކޮޅު ވެސް އެތަނަށް ކިރާލައިގެން އެއިިން މަންފާއެއް ލިބޭނެ ދުވަހެއް ފަހިވުން ކަމަށެވެ.

މިޔަރުގެ އުނދަގޫ ބޮޑު!

މަސްވެރިކަން ކުރަން ނިކުމެ އުޅޭއިރު މަސްވެރިންނަށް އެކި ކަހަލަ ހާދިސާތަކާ މީގެ ކުރިންވެސް ވަނީ ދިމާވެފައެވެ. އާސިފް ވިދާޅުވީ އެހާ ބޮޑު ހާދިސާއަކާ ދިމާ ނުވި ނަމަވެސް މިޔަރުގެ އުދަނގޫވާ ދުވަސްތައް ކުރިމަތިވާ ކަމަށެވެ. އެގޮތުން މިޔަރު ގިނަވެ، ބާނާ މަސްކޮޅު ވަރަށް ގިނަ ފަހަރު މިޔަރާ ހެދި ނުލިބޭ ކަމަށް ވެސް އާސިފް ވިދާޅުވިއެވެ.

އެކަން ހައްލު ވާނީ މިޔަރުގެ މަސްވެރިކަމަށް ސަރުކާރުން ކޮންމެވެސް ވަރެއްގެ ހުއްދައެއް ދީގެން ކަމަށް ވެސް އާސިފް ފާހަގަކުރައްވައެވެ.