ރަޝިއާއިން ޔޫކްރައިން ހަނގުރާމަ ފެށިފަހުން މިހާތަނަށް އެއްދުވަހަކާ ދިން އެންމެ ވަރުގަދަ ހަމަލާ އިއްރެ ރަޝިއާއިން ދީފިއެވެ. އެ ހަމަލާގައި އެކި ވައްތަރުން ޖުމްލަ 151 މިސައިލާއި 60 ޑްރޯން ބޭނުން ކުރުމުގެ އިތުރުން ބޮޑުބަޑިވެސް ބޭނުން ކޮށްފައި ވެއެވެ.

މިއީ ޔޫކްރައިން އިން ރަޝިއާގެ ސިޓީއެއް ކަމަށް ވާ ބެލްގޮރޮޑް ގެ ހަކަތައިގެ ވިއުގައަށް އަމާޒު ކުރި ހަމަލާގެ ބަދަލު ކަމަށް ހަބަރުތައް ބުނެއެވެ.

މި ހަމަލާގައި ޔޫކްރައިންގެ އެކިއެކި ސިޓީތަކުން ޖުމްލަ 1 މިލިއަން މީހުން ކަރަންޓްގެ ހިދުމަތުން މަހުރޫމުގެ އަނދިރި ކަމުގެ ތެރެއަށް ދިޔައެވެ. އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑި ފެނާއި އެހެނިހެން އުމްރާނީ ވަސީލައްތަކަށް ވަނީ ގެއްލުން ލިބިފައެވެ. އިމާރާތްތަކާއި އަސްކަރީ އަދި ހަކަތައިގެ އެކިއެކި ވިއުގަތައްވެސް ވަނީ ހަލާކުވެފައެވެ.

މި ހަމަލާ އާ ގުޅިގެން ޔޫކްރައިން ގެ ރައީށް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވީ, ހުޅަނގުން ޔޫކްރައިން ދޭ އެހީ މަޑިޖެހިފައި ވިޔަސް ރަޝިއާއިން ފޮނުވާލައި މިސައިލްތައް މަޑު ނުވާ ކަމަށެވެ. ރަޝިއާ ބަލި ކުރުމަށްޓަކައި ހުޅަނގުގެ އެހީ އަވަސް ކުރުމަށް ގޮވާލައްވައި އޭނާ ވިދާޅުވީ އިތުރު ހަތިޔާރާއި ވައިގެ ދިފާއީ ނިޒާމުތައް ބޭނުންވާ ކަމަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން 151 މިސައިލް ފޮނުވާލި އިރު ޔޫކްރައިންގެ ވައިގެ ދިފާއީ ނިޒާޏުތަކުން ވަނީ 92 މިސައިލް ވައިގެ ތެރޭގައި ގޮއްވާލާފައެވެ.

ރަޝިއާ, ޔޫކްރައިން ހަނގުރާމަވެސް ހޫނުވަމުން ދާ އިރު އެމެރިކާއިން ވަނީ ޔޫކްރައިން އަށް އިންޒާރެއްވެސް ދީފައެވެ. އެމެރިކާއިން ބުނެފައި ވަނީ ޔޫކްރައިން އިން ރަޝިއާ އަށް ދޭ ހަމަލާތައް އެގައުމުގެ ހަކަތައިގެ ވިއުގައަށް އަމާޒު ނުކުރުމަށާއި އެގޮތަށް އެކަން ކުރުމުން ހާލަތު އިތުރަށް ގޯސްވެގެން ދިޔުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި ހަކަތައިގެ އަގުތައް އުފުލިގެން ދާނެ ކަމަށެވެ.

އަދި މިހާރުވެސް, މިހިނގާ މާޗް 12 އިން ފެށިގެން ތެލުގެ އަގުން 4 ޕަސެންޓް އުފުލިފައި ވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓު ކޮށްފައި ވެއެވެ. އަދި މި ރޭޓް މައްޗަށް ގޮސް އެމެރިކާގެ ބާޒާރުގައި ތެލުގެ އަގު އުފުލޭނަމަ އެގައުމުގެ ރައީސްގެ ރޭޓިން ]މަގުބޫލު މިންވަރު" ދަށަށް ދާނެ ކަމަށާއި މިއީ ކުރިއަށް އޮތް އެގައުމުގެ ރިޔާސީ އިންތިހާބުގައި ބައިޑަން އަށް ހިޔަނި އެޅޭނެ ކަމަކަށް ވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ހަމަލާތަކާ ގުޅިގެން މިއަދު ރަޝިއާއިން ވަނީ, މީގެ ކުރިން ކިޔަމުން އައި އަސްކަރީ އޮޕަރޭޝަން ހަނގުރާމައަކަށް ބަދަލުވެއްޖެ ކަމަށް ބުނެފައެވެ.

ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ ޔޫކްރައިން އޮޕަރޭޝަން ފެށީ އަސްކަރީ އޮޕަރޭޝަނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް ހުޅަނގުގެ ގައުމުތަކުން ޔޫކްރައިން އާ ބައިވެރިވުމާ ހަމައިނ ހަނގުރާމައަކަށް ބަދަލުވެއްޖެ ކަމަށެވެ.

މިއާއެކު އޭނާ ވިދާޅުވީ 2022 ވަނަ އަހަރު ރަޝިއާއިން ހިފި ޔޫކްރައިންގެ 4 ސަރަހައްދު ފުރިހަމަ އަށް މިނިވަން ކުރަން ޖެހޭ ކަމަށާއި އެއީ އެތަންތާނގައި ތިބި ރައްޔިތުންގެ ސަލަމާތަށްޓަކައި ކަމަށް ވެސް ވިދާޅުވެއެވެ.