ރައީސް ޑރ. މުއިއްޒު ވައުދުވެ ވާދައިގެންފައިވާ ފަދައިން ކައުންސިލް އިމާރާތް އަޅާނެ 50 ރަށެއް ކަނޑައަޅާނެ މިންގަނޑު އާންމުކޮށްފިއެވެ.
50 ރަށެއްގައި އެއްފަހަރާ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ 26، ގައި ހދ. މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަށާއި އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށެވެ.
މި 50 ރަށް ކަނޑައަޅާނެ ގޮތުގެ މިންގަނޑެއް ލޯކަލް ގަވަމަންޓް މިނިސްޓްރީން އާންމުކޮށްފައި ވާއިރު، އެ މިންގަނޑުތަކާއި މާކްސް ދޭން ކަނޑައަޅާފައިވާ ގޮތްތަކަކީ:
- ރަށުގެ އާބާދީއަށް 20 ޕަސެންޓު
- ކައުންސިލުތަކުގައި ވަސީލަތްތައް ހުރި މިންވަރަށް 20 ޕަސެންޓު
- އިމާރާތުގެ ހާލަތަށް 20 ޕަސެންޓު
- ކައުންސިލުގައި މަސައްކަތް ކުރާނެ ޖާގަ ނެތް ކަމުގައިވާނަމަ 10 ޕަސެންޓު
- މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓު
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓު
- ކަންގަތި އެވޯޑު ހާސިލު ކޮށްފައިވާނަމަ 10 ޕަސެންޓެވެ.
މި މިންގަނޑާއި މާކްސް ދޭ ގޮތާ މެދު ހިޔާލެއް އޮތް ނަމަ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ރައީސް ޑރ މުއިއްޒު ވަނީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުވިތާ 13 އަހަރުވެގެން ދިޔައިރު ކައުންސިލްތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ހަމަޖެހިފައި ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނެ ހިދުމަތެއް ނުދެވޭ ކަމަށާއި ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމަށް އަވަސް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.