ދިވެހިންގެ އާދަކާދައާއި ސަގާފަތަށް ބަލާއިރު ފެނިގެން ދަނީ ދިވެހިންނަކީ ފަންނުވެރި، އުފެއްދުންތެރި، ކެރޭ، ހީވާގި މަސައްކަތެރި ބައެއް ކަމެވެ. ކާބަފައިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެ ދުވަސްވަރު ގެންގުޅުނު އާލާތްތަކަށް ބަލާލިނަމަވެސް މިކަން އެނގި ހާމަވެގެންދެއެެވެ. މި ޒަމާނާ ހިލާފަށް ކާބަފައިން ބޭނުކޮށް އުޅުނީ އަމިއްލަ ބުރަ މަސައްކަތުން އުފައްދާ ތަކެއްޗެކެވެ. މިހާރުވެސް ދިވެހިންގެ ތެރޭގައި ބުރަ މަސައްކަތުން ތަކެތި އުފައްދާ ހީވާގި މަސައްކަތްތެރިން މަދުން ނަމަވެސް އެބަތިއްބެވެ.
އެގޮތުން ބަލާއިރު ހދ. ކުޅުދުއްފުއްޓަށް އުފަން އަބޫބަކުރު އަލީއަކީ މިއަދު ވެސް ބުރަ މަސައްކަތެއް ކުރަމުން އަންނަ ހީވާގި މަސައްކަތްތެރިއެކެވެ. އެލުމިނިއަމް ވިރުވައިގެން ތާސް އެޅުމުގެ މަސައްކަތް ކުރަމުންދާތާ ގިނަ ދުވަސްތަކެއްވެފައިވާ މިހާރު ވެސް އެ މަސައްކަތް ކުރަމުން އަންނަ މުރާލި، ކެރުންތެރި މީހެކެވެ.
މިހާރު އުމުރުން 54 އަހަރުގެ އަބޫބަކުރު ފާހަގަ ކުރި ގޮތުގައި މި މަސައްކަތަކީ އޭނާގެ ބޭބެއާ ދެ މީހުން ފެށި މަސައްކަތެކެވެ. އަބޫބަކުރުގެ ދެބެން މި މަސައްކަތް ފަށާފައި ވަނީ އޭނާގެ ދޮން ބައްޕަމެންގެ ގާތުން މަސައްކަތް ދަސްކޮށް އެމީހުން މަސައްކަތް ހުއްޓާލި ފަހުންނެވެ. ދެބެން އެކުގައި ފެށި މަސައްކަތެއް ނަމަވެސް ބޭބެ މަސައްކަތް ހުއްޓާލުމާއެކު އަބޫބަކުރު މިހާރު މި މަސައްކަތް ކުރަމުންދަނީ އެކަންޏެކެވެ.
އަބޫބަކުރު މި މަސައްކަތް ފެށީ އޭނާގެ އުމުރުން 18 އަހަރުވެސް ނުވަނީސް!
ނޫކަށިފުރާގެ ޒުވާނެއްގެ ގޮތުގައި ހުރި ދުވަސްވަރު ވެސް މި މަސައްކަތްކޮށްފައިވާ އަބޫބަކުރު ބުނީ މަސައްކަތް ކުރަން ފެށީ އޭނާގެ އުމުރުން 18 އަހަރު ވެސް ނުފުރެނީސް ކަމަށެވެ. މަސައްކަތާ އަޅާ ބަލާއިރު ރަނގަޅު އާމްދަނީއެއް ލިބުމަކީ މި މަސައްކަތް ދަސްކުރުމަށް އަބޫބަކުރު ޝައުގުވެރިވި އެއް ސަބަބެވެ. މީގެއިތުރުން އަބޫބަކުރު ބުނީ މީހެއްގެ ކައިރިއަށް ގޮސް ވަޒީފާ އަދާ ކުރުމުގެ ބަދަލުގައި އަމިއްލައަށް ކުރާ މަސައްކަތުން ފައިސާ ހޯދުމުން މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ.
ބުރަ މަސައްކަތެއް ނަމަވެސް އަބޫބަކުރުގެ ކޮންމެ ދުވަހެއްގެ ވެސް ގިނަ ވަގުތުތަކެއް ހޭދަ ކުރަނީ މި މަސައްކަތުގައެވެ. އެގޮތުން މި މަސައްކަތުގައި ކޮންމެ ދުވަހަކުވެސް މަދުވެގެން 8 ގަޑިއިރު ހޭދަ ކުރާ ކަމަށާއި ގިނަ ވާނީ އެއަށްވުރެ ވެސް ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރާ ދުވަސްތައްކަން އޭނާ ފާހަގަ ކުރެއެވެ.
މައިގަނޑު ގޮތެއްގައި ތާސް އެޅުމުގެ މަސައްކަތް ކުރި ނަމަވެސް އެލުމިނިއަމް ބޭނުންކޮށްގެން އަބޫބަކުރު ތަފާތު އެކި ވައްތަރުގެ އެއްޗެހި ހަދާ އުޅެއެވެ. އަބޫބަކުރު ހަދާ އުޅޭ ތަކެތީގެ ތެރޭގައި ހަވާދު ތަޅާ ވަން، ހުނިގޮނޑި، ބަރިއަޅާ ތައްގަނޑު، ދޭފަތް ފަދަ ބަދިގޭގައި ހިފާ ގެންގުޅޭ އެކި ސާމާނުގެ އިތުރުން ޖިގިން މަސް އަދި އިންޖީނުގެ ސައިޑް ކަވަރު ވެސް ހިމެނެއެެވެ.
އެތައް ދުވަހެއް މަސައްކަތުގައި ހޭދަ ކޮށްފައިވާއިރު މަސައްކަތަށް ގިނަ ކުރިއެރުންތަކެއް އައިސްފައިވާކަން އަބޫބަކުރު ފާހަގަ ކުރޭ!
ގިނަ ދުވަސްތަކެއް އަބޫބަކުރު މި މަސައްކަތުގައި ހޭދަކޮށްފައިވާއިރު ޒަމާނަށްއައި ތަރައްގީއާއެކު މަސައްކަތުގައި ގިނަ ލުއިތަކެއް ލިބިގެންގޮސްފައިވާކަން އޭނާ ފާހަގަ ކުރެއެވެ. މީގެކުރިން ތާސްފަދަ އެއްޗެހި ރީތި ކުރަން (އޮމާން ކުރަން) ބޭނުން ކުރަނީ ކަހާ ވަޅިއެކެވެ. އަދި ތާހުގެ ބޭރު ރީތި ކުރަން ފީރު ބޭނުން ކުރި ކަމުގައިވީ ނަމަވެސް މިއަދު ބޭނުން ކުރަނީ ގްރޭންޑަރު ފަދަ ޒަމާނީ ވަސީލަތްތަކެެވެ. މި ވަސީލަތްތަކާއި މަސައްކަތް ފަސޭހަވެގެން ދިއުމުގެ އިތުރުން މަސައްކަތަށް ކުރިއެރުންތަކެއް ވެސް އައިސްފައިވާކަން އަބޫބަކުރު ފާހަގަ ކުރެއެވެ.
އަބޫބަކުރުގެ އަޅާ ތާސްތައް ނުފޮނުވަނީ ގާތް ގަނޑަކަށް އެންމެ 15 ރަށަށް!
ތާސް އެޅުމަށްފަހު އެ ތަކެތި ކުޅުދުއްފުށީގެ އިތުރުން އެހެނިހެން ރަށްރަށަށް ވެސް ފޮނުވައިގެން ވިއްކުމުގެ މަސައްކަތް އަބޫބަކުރު ކުރެއެވެ. އެގޮތުން މީގެކުރިން އޭނާ ވަނީ އެތަކެތި ކުޅުދުއްފުށީގައި ހުރި ވަފާ ފިހާރައިގައި ވެސް ވިއްކާފައެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މަޑުޖެހުމެއް އައި ނަމަވެސް މާލޭގެ އެންމެ މަޝްހޫރު އެއް ފިހާރަ ކަމަށްވާ ފަތަހަ ސްޓޯރުގައި ވެސް އަބޫބަކުރު އަޅާ ތާސްތައް މިހާރު ވިއްކަމުން އެބަ ގެންދެއެވެ.
އަބޫބަކުރު ބުނި ގޮތުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އޭނާގެ އުފެއްދުންތައް ނުފޮނުވާ ހުންނާނީ ގާތްގަނޑަކަށް 15 ވަރަކަށް ރަށެވެ. ކުޅުދުއްފުއްޓަށް އަންނަ ފެރީތަކުން އެ ސަރަހައްދުގެ ރަށްރަށަށް ތާސްފަދަ އެއްޗެހި ފޮނުވުމުގެ އިތުރުން މާލެއަށް ފޮނުވުމަށްފަހު ލ، ގއ، ގދ އަތޮޅުގެ ރަށްތަކަށް ވެސް އޭނާގެ އުފެއްދުންތައް ފޮނުވައެވެ. ޖުމްލަކޮށް ބަލާނަމަ އަބޫބަކުރުގެ އުފެއްދުންތައް ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ވެސް ފޮނުވާފައެވެ.
އަބޫބަކުރު ވަނީ އާ އުފެއްދުންތެރިކަމުގެ ދާއިރާއިން ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމު ހާސިލްކޮށްފަ!
މަސައްކަތުގެ އެންމެ އެއް ބޮޑު ކާމިޔާބީއެއް ކަމުގައި އަބޫބަކުރު ދެކެނީ އޭނާގެ މަސައްކަތް ނުވަތަ އުފައްދާ ތަކެތި ރަނގަޅު ކަމަށް ކަސްޓަމަރުން ބުނާ ބުނުމެވެ. އަދި 2015 ވަނަ އަހަރު މާލޭގެ އުސްފަސްގަނޑުގައި ބޭއްވި ލައިވް އިވެންޓެއްގައި ތާސް އެޅުމުގެ ފުރުސަތު ލިބިގެން ދިއުން ވެސް އަބޫބަކުރު ފާހަގަ ކުރަނީ އޭނާއަށް ލިބުނު ބޮޑު ކާމީޔާބީއެއްގެ ގޮތުގައެެވެ. އޭނާ ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން 2015 ވަނަ އަހަރު ތިލަދެކުނު ހިތްވަރު ދިނުމުގެ އިނާމު، އާ އުފެއްދުންތެރިކަމުގެ ދާއިރާއިން އޭނާއަށް ވަނީ ދީފައެވެ.
އަބޫބަކުރު ވަނީ ތާސް އެޅުމަށް ބޭނުން ކުރާ އެލުމިނިއަމް ތަކެތި އޭނާއަށް ވިއްކާ މީހުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަ ކޮށްފައެވެ. ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް އޭނާއަށް އެ ތަކެތި ވިއްކާ ކަމަށާއި ކޮންމެ ހުކުރު ދުވަހަކު ވެސް އެލުމިނިއަމް ތަކެތި ގަންނަ ކަމަށް އަބޫބަކުރު ބުނެއެެވެ. އަބޫބަކުރު އެލުމިނިއަމް ތަކެތި ގަންގަނީ އެތަކެއްޗަށް ބެލުމަށް އެ އެއްޗަކަށް އެކަށީގެންވާ އަގެއްގައެވެ. އެގޮތުން ބައެއް ތަކެތި 5 ރުފިޔާ، 8 ރުފިޔާ، 15 ރުފިޔާ އަދި 20 ރުފިޔާއަށް ވެސް ގަންނަކަން އޭނާ ފަހަގަ ކުރެއެވެ.
މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސަކަތް ކުރާ ތަނެއްގެ ދަތިކަން ކަމަށް އަބޫބަކުރު ވަނީ ފާހަގަކޮށްފައެވެ. ދޮން ބައްޕަގެ ގޭގައި މަސައްކަތް ފެށި ނަމަވެސް މިއަދު އޭނާ އެ މަސައްކަތް ކުރަމުން އަންނަނީ އޭނާގެ އަމިއްލަ ގޭގައެވެ. މަސައްކަތް ކުރާނެ ތަނެއް ހޯދުމަށް ރަށު ކައުންސިލާ ވާހަކަ ދައްކާފައިވީ ނަމަވެސް ރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތް ނިމިފައި ނުވާތީ އޭނާއަށް އަދި ތަނެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެދުމަކީ ޒުވާނުން މި މަސައްކަތް ދަސްކޮށް، މަސައްކަތް އުވުނަ ނުދީ ކުރިއެރުވުން!
މި މަސައްކަތަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މަސައްކަތް ދަސްކޮށްދިނުމުގެ ރޫހުގައި ހުރި އަބޫބަކުރު ވަނީ ސްކޫލުތަކުގެ ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ބައެއް ސްކޫލުތަކާ މަޝްވަރާކޮށްފައެވެ. އަދި ވެމްކޯގެ ސައިޓަށް ގޮސް އެ މަސައްކަތް ދަސްކޮށްދިނުމަށް އެދުމުން ވެސް އަބޫބަކުރު ވަނީ އެކަމަށް އެއްބަސް ވެފައެވެ. އަބޫބަކުރު އެންމެ ދެކެން ބޭނުން ވަނީ އޭނާގެ ދަރިއެއް މި މަސައްކަތް ކުރާ ތަނެވެ.
އަބޫބަކުރު ބުނި ގޮތުގައި އޭނާގެ 4 ފިރިހެން ދަރިންނަށް ވެސް އަމިއްލައަށް މަސައްކަތް ކުރަން އެނގޭ ވަރަށް ވާނީ މި މަސައްކަތް ދަސްކޮށްދީފައެވެ. ނަމަވެސް އެއްވެސް ކުއްޖަކު އަދި މި މަސައްކަތަށް ޝައުގުވެރުވެފައި ނުވާ ކަމަށާއި އެ ކުދިން މި މަސައްކަތް ކުރަނީ ވަޒީފާއިން ޗުއްޓީ ނަގައިގެން ހުންނަ ދުވަސްވަރު ކަމަށް އޭނާ ބުނެއެވެ. މި މަސައްކަތަކީ ރާއްޖޭގައި އުވެމުންދާ މަސައްކަތަކަށްވާއިރު ޒުވާނުން އޭނާގެ ގާތަށް ގޮސް މަސައްކަތް ދަސްކޮށް މަސައްކަތް ކުރި އެރުވުމަކީ އަބޫބަކުރުގެ އެދުމެކެވެ.