ކްރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ، މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އުމުރުން 36 އަހަރުގެ ފިރިހަނަކު ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތި ޓްރެފިކް ކުރުމާ އަދި މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސްޖަހާފައިވާއިރު ކޯޓު އަމުރުގައި ވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ހެކި ކޮންމެވެސް މިންވަރަކަށް އެބަހުރިކަމަށެވެ.

އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމަށް ބަލާއިރު އޭނާ ރާއްޖެ ގެނެސްފައިވާ އެއް ކްރިއާ ޕެކޭޖުގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ކޮންސީލް ކޮށްފައިވާކަމާ އަދި އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯންއަށް ޕޮޒިޓިވްވެފައިވާކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 400 ގްރާމް ހުރިއިރު އޭނާގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން އެނގޭކަމަށްވެސް މި އަމުރުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޯޓުން ބުނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފައިވަނީ، ދިފާއީ ވަކީލާ ބައްދަލުވެ މައްސަލަ އާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިނުވާ ކަމަށް ބުނެ އެ ފުރުސަތު ފަހިކޮށްދިނުމަށް އެދުމުން ކަމަށެވެ.