އިޒްރޭލުން ވަށާ ފެންސްޖަހައިގެން އަނގަމަތީ ޖަލެއްގެ ގޮތުގައި 2.3 މިލިއަން މީހުން ގެންގުޅެމުން އަންނަ ގާޒާގައި މިވަގުތު ދިރި ތިބި ކުދިންގެ ރޯލާނެ ހިތްވަރުވެސް ނެތް ކަމަށް ޔުނިސެފުން ބުނެފިއެވެ.

އެ ޖަމާއަތުން ބުނީ ހަނގުރާމަ ފެށިފަހުން މިހާތަނަށް 13،000 ކުދިން މަރާލާފައި ވާ ކަމަށާއި ދިރިތިބި ކުދިންގެ ހާލަކީ އަމިއްލައަށް ރޯލާނެ ހަކަތަވެސް ގައިގައި ނެތް ހާލެއް ކަމަށާއި ހެދިބޮޑުވުމަށް ބޭނުންވާ ކާނާގެ އެއްވެސް މިންވަރެއް ނުލިބޭ ހާލަތެއް ކަމަށެވެ.

މަރުވި ކުދިންގެ އިތުރުން އެތައްހާސް ކުދިންނެއް ޒަހަމްވެފައި ވާ ކަމަށާއި އަދި ވީ ނުވީ ތަނެއް ނޭނގި ވާ ގިނަ އަދަދެއްގެ ކުދިންތަކެއްވެސް ވެއްޖެ ކަމަށް ވެސް ބުނެފައި ވެއެވެ.

އިޒްރޭލުން ބޮން އަޅަމުން ދާއިރު ހަމަލާގެ ޝިކާރައަކަށް ވެ އެތައް ތުއްތު ކުދިންނެއް ޗިސްޗިސްވެ ކުދިކުދި ވެގެން ގޮސްފައި ވާ އިރު، ބަހީދު ވި ގިނަ ކުދިންނަކީ އެއީ ކޮންކުއްޖެއްކަށް ވަކިނުވާވަރަށް ގެއްލުން ވެފައި ވާ ކުދިންނެވެ. އަނެއްބައި ކުދިން ވަނީ ވެއްޓިފައި ވާ އިމާރާތްތަކުގެ ދަށުގައާއި ގާކުނޑިތަކުގެ ދަށުގައި ވަޅުލެވިފައެވެ.

އިޒްރޭލުގެ އުދުވާނުގެ ސަބަބުން ދުނިޔެ ދޫކޮށްދިޔަ ތުއްތު ދަރިފުޅު އުރައިގެން ހުރި މަންމައަކު ރޮނީ

"އަހަރެން ވަދެ ބަލައިފިން ކުޑަކުދިން ތިބި ތަނެއް، ރަނގަޅު ކާނާ ނުލިމި އެނީމިއާގައި ތިބި އެތައް ކުދިންނެއް ފެނިއްޖެ، އެ ހުރިހާ ކުދިންވެސް ތިބީ ހިމޭނުން، އެއީ އެ ކުދިން، ބޭބީސް ހާންތިވެ ރޯލާނެ ހާ ހިތްވަރުވެސް ނެތީމަ" ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރުސެލް ވިދާޅުވިއެވެ.

ރަސަލް ވިދާޅުވީ ގާޒާއަށް އެހީގެ ތަކެތި ވެއްދޭނެ ހުރިހާ މަގެއް އިޒްރޭލުން ވަނީ ބްލޮކް ކޮށްފައި ކަމަށާއި ނަތީޖާއަކަށް ވެގެން ދަނީ 2 މިލިއަނަށް ވުރެ ގިނަ މީހުން ވަށާލާފައި ވަނީ ހައިހޫނުކަން ކަމަށެވެ.

އދ ގެ އެހީގެ ޖަމްއިއްޔާ އަންރުވާ އިން ބުނީ، ގާޒާގެ އުމުރުން 2 އަަހރުން ދަށުގެ ކޮންމެ 3 ކުއްޖަކުން 1 ކުއްޖަކީ މިވަގުތު ކާނާ ނުލިބި ހާންތިވެފައި ވާ ކުދިން ކަމަށެވެ.

ގާޒާގެ ހާލަތު ކަންބޮޑުވާ ދަރަޖައެއްގައި އޮތް އިރުވެސް އިޒްރޭލުގެ ބޮޑުވަޒީރު އިއްޔެވެސް ބުނެފައި ވަނި ރަފާ އަށް އަރާނެ ކަމަށާއި އެރުމަށްޓަކައި ކުރަންޖެހޭ ކަންކަން ނިންމާ ސިފައިންނަށް ހުއްދަވެސް ދީފައި ވާ ކަމަށެވެ. އިތުރަށް އޭނާ ބުނީ، އިޒްރޭލު ސިފައިން ރަފާ އަށް އަރާ އިރު ރަފާގައި ތިބި މީހުން އެތާނގައި ތާށި ކުރަން ބޭނުން ނުވާ ކަމަށާއި އެމީހުން ބޭރު ކުރާނެ ޕްލޭންވެސް އެބަޮއޮތް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނެފައި ވަނީ އިޒްރޭލުން ބުނާ އެ ޕްލޭން އަދި ނުފެންނަ ކަމަށާއި ގަބޫލު ކުރެވޭ ރަނގަޅު ޕްލޭނެއް ނެތިއްޔާ ރަފާއަށް އަރަން އެމެރިކާއިން ތާއީދު ނުކުރާނެ ކަމަށެވެ. މި މޭރުމުން އީޔޫ، ޔޫކޭ އަދި ޖަރުމަނުންވެސް އިޒްރޭލަށް ވަނީ އިންޒާރު ދީފައެވެ.

ނަމަވެސް ނަތަންޔާހޫ ބުނީ، އެމީހުން ހުއްޓުވޭނެ ބައިނަލްއަގުވާމީ ޕްރެޝަރެއް ނޯންނާނެ ކަމަށާއި ރަފާއަށް އަރާނެ ކަމަށެވެ.