މާލޭގެ މަގު މައްޗަށް ކުނި އެޅި އިތުރު ބަޔަކު ޖޫރިމަނާ ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކޮމިއުނިޓީ އެންގޭޖްމެންޓު ޔުނިޓުގެ ޝިފްޓު-އޭ އިން މަގުމަތީ މަގުމަތީ ޕޭމަންޓުގައި ކުނި ބެހެއްޓި ފަސް ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން އެކި ފަރާތްތައް ޖޫރިމަނާ ކުރަމުންދާއިރު މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާ ނަމަ 500 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ. ދާދިފަހުން ވަނީ މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމަންޓް ޔުނިޓާއި ގުޅިގެން ސީސީޓީވީ ފޫޓެޖްގެ ޒަރިއްޔާއިން މީހަކު ހޯދާ ޖޫރިމަނާކޮށްފައެވެ.
ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުތައް ގޮނޑު ކޮށްލާފައިވާއިރު ސިޓީ ކައުންސިލުން މަގުތައް ސާފުކޮށް ފުލުހުން އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަމުންދިޔަ ނަމަވެސް މާލޭގެ މަގުތައް މަތިން ކުނި މަދުވާ ގޮތެއް ނުވެއެވެ.
އޭގެ ސަބަބުން ޕާކިން އޭރިޔާތަކާއި ދުވާރުމަތި އަދި ބައެއް ސަރަހައްދުތަކުގެ ކަންމަތިތައް ވެސް ނުހިނގޭ ވަރަށް ފުރިފައި އޮތެވެ. ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދު ކުޑަވެ ޖާގަ ނުލިބި ހިނގާ ބިނގާ އުޅޭ މީހުންނަށް ކުންޏާ ހެދި ދަތި އުދަނގޫތައް ވަނީ ކުރިމަތިވެފައެވެ.
މަގުމައްޗަށް ކުނި ނޭޅުމަށާއި މަގުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ފުލުހުންނާއި ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.