މި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތާރީހު ފަސްވުމާއި ގުޅިގެން، ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި 11،000 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ، އިންތިހާބާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އީސީ އިން މަޖިލީސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެއާއެކު މާޗް 10 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ވަނީ ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓްރީ ވުމަށް ޖުމްލަ 11،169 ފޯމް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 10،028 ފޯމް ރީ ރަޖިސްޓްރީ ކޮށްދީފައިވާއިރު 1141 ފޯމް ވަނީ އެކި ސަބަބުތަކާ ހުރެ ބާތިލް ކޮށްފައެވެ.

އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާ ގުޅިގެން ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން ވެސް ވަނީ އިތުރުކޮށްފައެވެ. މި ގޮތުން އިތުރު 30 ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު ސިނާއީ ސަރަހައްދުގައި އިތުރު އެއް ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި އިތުރު 4 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކުން 368 ކެނޑިޑޭޓުން ވާދަކުރަން ވަނީ ފޯމް ހުށަހަޅާފައިވާއިރު އީސީން ހާމަކުރި ގޮތުގައި އޭގެތެރެއިން އެންމެ ގިނައީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓުން ކަމަށެވެ. އެގޮތުން 130 ކެންޑިޑޭޓަކު އަމިއްލަ ގޮތުން ވާދަ ކުރައްވާ ކަމަށް އީސީން މައުލޫމާތު ދީފައި ވެއެވެ.