ސިފައިންގެ ވައިގެ ހިދުމަތް ގާއިމް ކުރެވުމަކީ ދިވެހިން އަމިއްލަ ފައިމައްޗަށް ދެތުވުމަށްޓަކައި ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެފިއެވެ.

ސިފައިންގެ ވައިގެ ހިދުމަތް "އެމްއެންޑީއެފް އެއާ ކޯ" އިފްތިތާހްކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި ރޭ ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ސިފައިން ބެހިގެންވާ މައިގަނޑު ބައިތަކުގެ ތެރޭގައި ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރު ސިފައިންގެ ގާނޫނުގައި ހިމެނޭކަން ޑިފެންސް މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ގާނޫނު އަސާސީ އަދި ސިފައިންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފަދައިން ދިވެހި ސިފައިން ތަރުތީބުކޮށް، ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމުގައި އަމިއްލަ ގާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެއެވެ.

އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި "އެމްއެންޑީއެފް އެއާ ކޯ"ގެ ނަމުގައި ސިފައިންގެ ވައިގެ ބާރު އުފައްދަވާފައި ވަނީ އެ ދާއިރާއިން ސިފައިންގެ ގާބިލްކަން އިތުރުކޮށް ތަރައްގީ ކުރުމަށްޓަކައި ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެއެވެ. އަދި "އެމްއެންޑީއެފް އެއާ ކޯ" އުފެއްދުމާއެކު ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުގެ ހިދުމަތަށް އެންމެ ފުރަތަމަ ނެރެފައި ވަނީ އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ)އެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މިއީ ހިދުމަތުގެ ފެށުން ކަމުގައިވިޔަސް، ސަރުކާރުގެ އަމާޒަކީ މޭންޑް އަދި އަންމޭންޑް ސިސްޓަމްތައް ސިފައިންގެ ހިދުމަތަށް ތައާރަފްކޮށް، ސިފައިންގެ ވައިގެ ހިދުމަތް ދައުލަތުގެ ފުދުންތެރިކަން ތަންދޭ މިންވަރަކުން ތަރައްގީ ކުރަމުން ގެންދިއުން ކަމަށެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުތަކަކީ ދިވެހީންގެ އިގްތިސޯދީ ސިނާއަތްތައް ތަރައްގީކޮށް ކުރިއަރުވާ، އިޖުތިމާއީ ހަރަކާތްތައް ހިންގާ، މިނިވަންކަމާއެކު އެ މަސައްކަތްތަކުން ނަފާ ހޯދުމަށް އުޅޭނެފަދަ ސަލާމަތްތެރި ވެއްޓެއް ގާއިމް ކުރެވިފައިވާ ތަނެއްގެ ގޮތުގައި ގާއިމްކޮށް ދެމެހެއްޓުމުގައި ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގައި އެއީ ދިވެހިރާއްޖެއަށް ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއަކާއި ކާމިޔާބީއެއް ކަމަށް ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީއިން އިތުރަށް ބުނީ ދިވެހި ސިފައިންގެ ވައިގެ ހިދުމަތް ގާއިމްކުރެވުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހިނގާ ހާދިސާތަކުގައި ދިވެހި ދައުލަތުން އަދާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިއާގެ ކަނޑުގެ ގައުމުތަކާއި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެހެން ގައުމުތަކާ ގުޅިގެން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަށް މިހާރަށްވުރެ މާނަވީ ދައުރެއް އަދާކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ ސިޔާދަތާއި، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނި ދިވެހިރާއްޖޭގެ ގައުމީ ދިފާއި ބާރަށް ގާނޫނުއަސާސީ އަދި ގާނޫނުތަކުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެވޭނެހެން އެ ބާރު ތަރައްގީ ކުރުމުގެ އިތުރުން ރަހުމަތްތެރި ގައުމުތާކާއެކު ދިފާއީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް އެ ފަރާތްތަކުގެ އެހީ އާއި މަދަދާއެކު ކަމަށް ވެސް ޑިފެންސް މިނިސްޓްރީއިން ބުނެއެވެ.