ގާޒާގައި ބަނޑަށް މަރުވަމުންދާ އެތައްހާސް ރައްޔިތުންނަކަށް ބޭނުންވާ ކާބޯތަކެތި ހިފައިގެން ގާޒާއަށް ދިޔަ ސައިޕްރަސްގެ ބޯޓުން ގާޒާއަށް ކާބޯތަކެތި ބާލަން ފަށައިފިއެވެ.
200 ޓަނުގެ ކާބޯތަކެތި ބަރުކޮށްގެން ދިޔަ 'އޯޕަންއާމްސް' ބޯޓު މިހާރު އޮތީ ގާޒާގެ ބޭރުގައި މެޑިޓަރޭނިއަން ކަނޑުގައެވެ. މިބޯޓުން މުދާ ބާލަނީ އޭގެ ކައިރިއަށް ބަނޑެއް ގެންގޮސް އެއަށް ބަރުކޮށްގެންނެވެ.
ގާޒާއަށް ބަލާ ތަކެތި ބަލައި އާންމު ރައްޔިތުން އެއްވެފައި ވާ އިރު ތަކެތި ބެހުމުގެ ކަންކަން އަދި ކުރިއަށް ދާ ގޮތުގެ މައުލޫމާތެއް ނުލިބެއެވެ.
މި ތަކެތި ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ ހަމަޖެހޭ އުސޫލަކުން ކަމުން ކަމާބެހޭ އިދާރާތަކުން ބުނެފައި ވާ އިރު, ހައިހޫނު ކަމުގެ ތުންފަންމަތީގައި ތިބި ގާޒާގެ ރައްޔިތުންނަށް މިއީ މިވަގުތަށް ކޮންމެހެންވެސް ބޭނުންވާ ކާނާ ކަމަށް ބުނެފައި ވެއެވެ.
އެއްގަމު މަގުން ގާޒާއަށް އެހީ ހިފައިގެން ދާ ގާފިލާތަކަށް އިޒްރޭލުން ހުރަސް އެޅުމާއި އެއްގަމު މަގުތައް އިޒްރޭލުން ހަލާކު ކޮށްލާފައި ވުނުން މިވަގުތަށް އެހީ ފޯރުކޮށްދެވެން އޮތް ފަސޭހަ ގޮތްތައް ހަމަޖައްސަން އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ގާޒާގެ ގޮނޑުދޮށުގައި މަގަތު ފާލަމެއް ހެދުމުގެ މަސައްކަތަށް އެމެރިކާގެ 1000 ސިފައިން ދަތުރު ކުރަމުން ދާ އިރު އެ ފާލަމަކީ ބޮޑެތި ބޯޑުފަހަރު ކައިރިކޮށް މުދާ ބާލައި ހެދޭނެ ފާލަމެއް ކަމަށް ބުނެފައި ވެއެވެ. ފާލަން ނިންމަން 60 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި ފާލަން ހެދުމުން އެހީގެ ތަކެތި ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނީ އެމެރިކާ ސިފައިންގެ އެހީތެރިކަމާއެކު ކަމަށް ވެސް ބުނެފައި ވެއެވެ.
ގާޒާ ހަނގުރާމައިގެ ތެރެއަށް އެމެމެރިކާއިން މީގެ ކުރިން ނުވަންނަ ވަރަށް ވަދެފައި ވާ އިރު, އިޒްރޭލުގެ ބޮޑުވަޒީރު މަގާމުން ދުރުކުމުގެ ވާހަކަތަކަށް ވެސް އެމެރިކާއިން ދަނީ ތާއީދު ކުރާ މޭރުމަކުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ނަތަންޔާހޫއާ އެންމެ ވާދަވެރި އިދިކޮޅު ލީޑަރު އެމެރިކާއަށް ގެންގޮސް ބައްދަލު ކުރުމާއި އިޒްރޭލުގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައި ވާހަކައަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޖޯ ބައިޑަން ވެސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާ އަކީ ގާޒާ ހަނގުރާމައިގައި އިޒްރޭލުގެ އެންމެ ބޮޑު މަދަދުވެރިޔާއެވެ. ހަތިޔާރާއި ފައިސާގެ އެހީ ދިނުމުގައި އިމެއް ނެތި އެމެރިކާއިން އިޒްރޭލަށް އެހީވަމުން ގެންދާ އިރު އެމެރިކާއިން މިހާރު ހިޔާލު ތަފާތުވާ މައްސަލަ އަކީ އިޒްރޭލުން ރަފާ އަށް އަރަން ބުނާ މައްސަލައެވެ. އެމެރިކާއިން ބުނަމުން ދަނީ ރަފާ އަށް އަރަން ވާނީ އެތާ ތިބި 1.5 މިލިއަން މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ސާފު ޕްލޭނަކާ އެކު ކަމަށާއި އެފަދަ ޕްލޭނެއް އިޒްރޭލަށް އަދިވެސް ދެއްކިފައި ނުވާ ކަމަށެވެ.