ކާބޯތަކެއްޗަށް ޖެހިފައި ވާ ގާޒާގެ ތައްޔިތުންގެ ގަޔަށް ބަޑިޖަހާ 100 މީހަކު މަރާލި ހާދިސާއަށް 2 ހަފްތާ ނުވެ އެފަދަ އިތުރު ހާދިސާއެއްގައި 6 މީހަކު މަރާލައި 83 މީހަކު, އިޒްރޭލު ސިފައިން ޒަހަމް ކޮށްލައިފިއެވެ.
ކާބޯކަތީގެ އެހީ ހޯދަން އެއްވެ ތިއްބާ މިހަފަރު ހަމަލާދީފައި ވަނީ ކްވައިތް ރައުންޑްއެބައުޓް ކިޔާ ސަރަހައްދުގައެވެ. އެއްވެ ތިބި މީހުންގެ ގަޔަށް ބަޑިޖެހި ހާދިސާގައި އެކަކު މަރުވި އިރު 83 މީހަކު ޒަހަމްވި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަނެއް 5 މީހުން މަރުވީ ރަފާގައި އދ ގެ އެހީދޭ ޖަމްއިއްޔާ ޔޫއެންއާރުޑައިބްލިޔު (އަންރުވާ) އިން ގާއިމު ކޮށްފައި ހުރި އެހީގެ ތަކެތި ރައްކާ ކުރާ ތަނަކަށް ދިން މިސައިލް ހަމަލާއެއް ގައެވެ.
މިދިޔަ ހޯމަ ދުވަހުވެސް އިޒްރޭލު ސިފައިން ވަނީ ކްވައިތް ރައުންޑްއެބައުޓް އަށް އެއްވި ބައެއްގެ ގަޔަށް ބަޑިޖަހާ 11 މީހަކު މަރާލާފައެވެ. އެ ދުވަހުވެސް އާންމުން އެއްވީ ކާބޯތަކެތި ހޯދާށެވެ.
ކްވައިތް ރައިންޑްއެބައުޓަކީ ގާޒާ ސިޓީގެ މެދުތެރޭގައި ގާޒާގެ އުތުރާއި ދެކުނު ގުޅޭ ހިސާބުގައި އޮންނަ ހަތަރުއަނގޮޅިއެވެ.
މިއަދަދުތަކާއެކު އެހީ ހޯދަން އެއްވެ ތިއްބާ މަރާލި މީހުންގެ އަދަދު 400 އަށް ވަނީ އަރާފައެވެ.
މި ހަމަލާތައް ކުށްވެރި ކުރަމުން އަންރުވާ އިން ބުނެފައި ވަނީ މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި އެ ޖަމާއަތުން ކުރަމުން ގެންދާ އިންސާނީ އެހީގެ މަސައްކަތަކަށް ހުރަސް އެޅުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
އޮކްޓޯބަރު 7, 2023 ގެ ހަމަލާތައް ފެށިފަހުން އެޖަމާއަތަށް ނިސްބަތްވާ 153 ސްޓާފުން އިޒްރޭލުން މަރާލާފައި ވެއެވެ. އަދި އެޖަމާއަތުގެ ބެލުމުގެ ދަށުގައި ހުންނަ ފެސިލިޓީތަކުގެ ތެރެއިން 150 ފެސިލިޓީއަކަށް ހަމަލާ ދީފައި ވެއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި މި ފަދަ ހަމަލާތަކަކީ ގާޒާގެ ރައްޔިތުންނަށް އެހީ ލިބުނަ ނުދިނުމަށް ގަސްދުގައި ރާވައިގެން އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކެކެވެ. ގާޒާގައި 1.5 މިލިއަން މީހުން ތިބި އިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ތިބީ ކާބޯތަކެތިން މަހުރޫމު ވެފައެވެ. ބަނޑަށް އެތައް ބަޔަކު މަރުވަމުން ދާ އިރު އިޒްރޭލުގެ ހަމަލާތައް ކުށްވެރި ކުރުން ފިޔަވައި ބައިނަލްއަގުވާމީ އިދާރާތަކަށް ކުރެވޭ ކަމެއް ނެތެވެ.
ހަނގުރާމަ 6 މަހަށް ދިގުލައިގެން ގޮސްފައި ވާ އިރު ފަލަސްތީނުގެ 31,341 މީހަކު, އިޒްރޭލުން ވަނީ ޝަހީދު ކޮށްލާފައެވެ. ޒަހަމްވި މީހުންގެ އަދަދު 73,134 އަށް އަރައެވެ.
ހަމަލާތައް ހުއްޓާލުމުގެ ވާހަކަ ކޮޅެއްގައި ނުޖެހި ނިމިފައި ވާ އިރު އެމެރިކާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ގާޒާގެ ގޮނޑުދޮށުގައި ފްލޯޓިން ފާލަމެއް އަޅާ, އެފާލަމުގެ އެހީގައި ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ. އެ މަސައްކަތަށް އެމެރިކާގެ 1000 ސިފައިން ދަތުރު ފަށާފައި ވާ އިރު އިނގިރޭސި ސިފައިންވެސް އެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް އިނގިރޭސިވިލާތުން ބުނެފައި ވެއެވެ.
ގާޒާގެ ރައްޔިތުންނަށް މިވަގުތު ކޮންމެހެންވެސް ކާބޯތަކެތީގެ އެހީ ބޭނުންވާ އިރު އެހީދޭ ޖަމާއަތްތަކުގެ އެހީގައި ސައިޕްރަސް އިން 200 ޓަނުގެ ކާބޯތަކެތި ހިފައިގެން އޯޕަން އާމްސް ގެ ބޯޓެއް މިހާރު ވަނީ ފުރާފައެވެ. މިބޯޓު މާދަމާގެ ވަގުތެއްގައި ގާޒާއަށް ފޯރާނެ ކަމަށް ބެލެވޭ އިރު, އެހީގެ ތަކެތި ގާޒާއަށް ބާލާނެ ގޮތެއްގެ ތަފްސީލެއް އަދި ނޭނގެއެވެ. ގާޒާގެ ހުރިހާ މަގަތު ފާލަމެއް ހަލާލުކޮށްލާފައި ވާ އިރު ބޯޓު ކައިރި ކުރާނެ ގޮތެއްވެސް އަދި ކާބޯތަކެތި ބާލާނެ ގޮތެއްގެ ވާހަކަތަކެއް ވެސް ހާމައެއް ނުކުރެއެވެ.
އެމެރިކާއިން ހަދާ މަގަތު ފާލަން ނިންމަން 2 މަސް ދުވަސް ނަގާނެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.