1952 ގައި ދުނިޔޭގައި ޕޯލިއޯ ފެތުރިގެން ދިޔަ އިރު އޭރު އުމުރުން 6 އަހަރުގެ ޕައުލް އެލްގްޒެންޑްރާ އަށް ވެސް ޕޯލިއޯ ޖެހުނެވެ. އެއާއެކު އޭނާގެ ކަރުން ތިރި އެއްކޮށް ޕެރަލައިޒް ވެ އަމިއްލަ ހާލަށް ނޭވާލާންވެސް އުނދަގޫވެގެން ދިޔައެވެ.
އޭރު ބޭސްވެރިކަން ކުރިއަރާފައި ހުރި މިންވަރުން ޕޯލިއޯ ފަދަ ބަލިތަކަށް ވެކްސިނެއް ވެސް ނެތުމާއި އެއާ ގުޅޭ އެހެނިހެން ފަރުވާތަށް ނެތުމުގެ ގޮންޖެހުން ޕައުލް އަށް ވެސް ކުރިމަތިވިއެވެ.
ނަމަވެސް އޭރުގެ ޑޮކްޓަރުން ޕައުލް ގާތު ބުނީ، "3 މިނެޓަށް ވެސް ނޭވާ ލެވޭނަމަ" ފުރާނަ ސަލާމާތް ކޮށްދޭނެ ކަމަށެވެ.
އެ ދުވަސް ވަރު ހާލު ބޮޑުވި ބަލިމީހުން ލުމަށް ސައިންސްވެރިން އީޖާދު ކުރީ ދަގަނޑުން ހަދާ ސިލިންޑަރު ބައްޓަމަށް ހުންނަ ޗޭމްބަރުތަކެކެވެ.
ޕައުލްވެސް ލީ އޭގެ ޗޭމްބަރަކަށެވެ. އެ ޗޭންބަރަކީ ޓެމްޕަރޭޗާ ކޮންޓްރޯލް ކުރެވި އަމިއްލަ ޒާތުގައި ނޭވާ ލުމަށް އެހީވެދޭ ޗޭމްބަރެކެވެ.
އެ ފަރުވާ އާ އެކު ކޮންމެވެސް ވަރެއްގެ ލުޔެއް ލިބި ޕައުލް ފުރޮޅުލީ ގޮނޑީގައި އާންމު ތަންތަނަށް ނިކުމެ އުޅުނެވެ. ކިޔަވައިގެން ލޯޔަރަކަށް އަދި މުސައްނިފަކަށް ވާން ބޭނުންވި ޕައުލް ކިޔެވުމުގައި ވެސް ހިތްވަރު ކުރިއެވެ.
އުމުރުން 78 އަހަރުގައި ޕައުލް މަރުވި އިރު އޭނާ އޮތީ އެ ފަދަ ޗޭމްބަރެއްގެ ތެރޭގައެވެ. ބޭރަށް އޮންނަނީ ބޯ އެކަންޗެވެ. ހަށިގަނޑު އެކަށް ޗޭމްބަރުގެ ތެރޭގައި އޮންނަ އިރު އޭނާ ނޭވާލާ ކޮންމެ ފަހަރަކު ޕަމްޕެއް ޒާތު އެއްޗެއް ފުފި ހިނދެއެވެ. ޗޭމްބަރުގެ މަތީގައި ދެގަނޑު ބިއްލޫރި ލައްވައި އެތެރެ ފެންނަ ގޮތަށް ހަދާފައި ވާ އިރު ކަރާ އެކު ވަނީ ރަބަރު ކޮތަޅެއް ފަދަ އެއްޗަކުން ބަންދުކޮށް ވައި ބޭރު ނުވާގޮތް ހަދާފައެވެ.
ޕައުލް މަރުވި އިރު އޭނާ ވަނީ ބައޮގްރަފީ އެއް ވެސް ލިޔެފައެވެ. އަދި އިތުރު ފޮތެއްގެ މަސައްކަތް ކުރަމުން ދިޔަ އިރު އޭނާ ފޮތް ލިޔުނީ، ޑީވައިސް އެއް ހަރުކޮށްފައި ހުންނަ ދަނޑިކޮޅެއް ކަހަލަ އެއްޗެއް އަނގައިން ހިފައިގެން އޮވެ ކީބޯޑެއްގައި ޓައިޕް ކުރަމުންނެވެ.