މާލޭގެ މަގެއް މައްޗަށް ކުނި އެޅި މީހަކު ހޯދައި ފުލުހުން ޖޫރިމަނާ ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީގައި ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމަންޓް ޔުނިޓު ގުޅިގެން ހޯދާފައިވާ ކަމަށެވެ. އަދި އޭނާ ޖޫރިމާނާ ވެސް ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އާންމު ތަންތަނުގައި ކުނި ބެހެއްޓުމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން 100 އަށްވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅާފައިވާއިރު މަގުމަތީގައި ގަވައިދާ ހިލާފަށް ކުނި ބަހައްޓާ ނަމަ 500 ރުފިޔާ އިން ޖޫރިމަނާކުރާނެއެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާޅެ ތެރެއިން ވަނީ އުކާލާފައެވެ. އަދި ފާއިތުވި 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގާފައިވާކަމަށް ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

ރޯދައަށް މީހުން ގެތައް ސާފުކޮށް މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުތައް ވަނީ ގޮނޑު ކޮށްލާފައެވެ. ސިޓީ ކައުންސިލުން މަގުތައް ސާފުކޮށް ފުލުހުން އެފަދަ މީހުންނާ މެދު ފިޔަވަޅު އަޅަމުންދިޔަ ނަމަވެސް މާލޭގެ މަގުތައް މަތިން ކުނި މަދުވާ ގޮތެއް ނުވެއެވެ.

ފާއިތުވި ތިން ދުވަހު ވެމްކޯއިން ހިލޭ ކުނި އުކާލާ ދީފައިވީ ނަމަވެސް ކުނި އެޅުން ހުއްޓިފައި ނުވެއެވެ. ބައެއް މަދު މީހުން ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި މަގުމަތީގައި ދުއްވާ މީހުންނަށް ދަނީ އެތައް އުނދަގުލެއް ކުރިމަތިވަމުންނެވެ. އަދި މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެކި އެކި ބަލިތައް ފެތުރުމުގެ މަގު ފަހިވާނެއެވެ.