ކުއްޅަވަކަކީ ދިވެހިރާއްޖޭގެ ޗަކަބިން އޮންނަ ރަށްރަށުގައި ގިނަ އަދަދަކަށް ހެދިފައި ހުންނަ ބާވަތެއް މޭވާއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ގޮތް ގޮތަށް އެކިކަހަލަ ކެއުންތަކާއި ބުއިންތައް ތައްޔާރު ކުރުމަށް މި މޭވާ ބޭނުން ކުރެވެއެވެ.
އެގޮތުން ބަލާއިރު ހދ. ކުމުންދޫއަކީ ގިނަ އަދަދެއްގެ ކުއްޅަވައް ގަސްތަކެއް ހެދިފައިވާ ރަށެކެވެ. އެ ރަށުގެ ޗަކަބިން އޮންނަ ސަރަހައްދުގައި ގިނަ އަދަދެއްގެ ކުއްޅަވައް ހެދިފައިވާއިރު ކުއްޅަވައް މޫސުމުގައި އެ ރަށަކީ ކުއްޅަވައް ތިޔާގި ރަށެކެވެ. ތަފާތު ވައްތަރުގެ ކެއުމާއި ބުއިން ކުއްޅަވައް ބޭނުންކޮށްގެން ހަދަމުންދާ އެ ރަށުގެ "ކުޅި ކުއްޅަވައް" ނުވަތަ ކުޅިކޮށް ކުއްޅަވައް މޮޑުން އެއީ ފާހަގަކޮށްލެވޭ ތަފާތު ކެއުމެކެވެ.
ދިވެހިންނަކީ ފަޅޯ މަޖާ، އަނބު މަޖާ ފަދަ ކާތަކެއްޗަށް ލޯބި ކުރާ ބައެއް ކަމުން މިއީ ވެސް ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހިން ގަޔާވާނޭ ފަދަ ކެއުމެކެވެ. ކުޅި ކުއްޅަވައް ތައްޔާރު ކުރުމަށް ހަރުކޮށް ހުންނަ ކުއްޅަވައް އަދި ފާ ކުއްޅަވައް ވެސް ބޭނުން ކުރެވިދާނެއެވެ.
ކުޅި ކުއްޅަވައް މޮޑެން ބޭނުންވާ ތަކެތި:
- ފިޔާ
- ގިތެޔޮ މިރުސް (ކޮށާފައި)
- ލޮނު
- ރިހާކުރު
- އަސޭމިރުސް
- ނޫޑުލިސް ސޫޕް ޕެކެޓް
ކުޅި ކުއްޅަވައް ތައްޔާރު ކުރުމަށްޓަކައި ފުރަތަމަ ކުއްޅަވައްތައް މަށާލާނީއެވެ. އެއަށްފަހު ކުއްޅަވައްތައް ކޮށާލާނީއެެވެ. އެއާއެކު ފިޔާކޮޅާއި ގިތެޔޮ މިރުސްކޮޅު ރަނގަޅަށް މޮޑެލާނީއެވެ. ފިޔާކޮޅާއި ގިތެޔޮ މިރުސްކޮޅު ރަނގަޅަށް މޮޑެލުމަށްފަހު ކޮށާލާފައި ހުރި ކުއްޅަވައްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ލޮނު، އަސޭމިރުސްކޮޅު، ސޫޕް އަދި ރިހާކުރު އަޅައިގެން އަނެއްކާވެސް މޮޑެލާނީއެވެ. އަދި ކުޅި ކުއްޅަވައް ތައްޔާރު ކުރާ ފަރާތުން ބޭނުންވާ ވަރަށް ކުޅި ރަހަ އަދި އެހެނިހެން ރަހަތައް ހެޔޮވަރުކޮށްލުމުން ކުޅި ކުއްޅަވައް އެ ހުރީ ތައްޔާރުވެފައެވެ.
ކުޅި ކުއްޅަވަކަކީ އެ ރަށުގެ ރައްޔިތުންގެ ޕިކްނިކްގެ ބައިވެރިޔާއެވެ. އާންމުކޮށް ޕިކްނިކް ދާއިރުގައި ނުވަތަ ގްރޫޕް ހަދައިގެން މަޖާކޮށްލުމުގެ ގޮތުން އެ ރަށުގައި ކުޅި ކުއްޅަވައް މޮޑެ، ކައި އުޅެއެވެ.
ކުޅި ކުއްޅަވަކުގެ އިތުރުން އެ ރަށުގައި ފޮނިކޮށް ވެސް ކުއްޅަވައް މޮޑެ އުޅެއެވެ. މިއީ ރާއްޖޭގެ އެހެން ރަށްރަށުގައި ކުއްޅަވަކުން ތައްޔާރު ކުރާ އާންމު އެއް ބާއްވަތުގެ ކާނާއެވެ. މީގެ އިތުރުން ކުއްޅަވައް ފަންޏަކީ ވެސް ކުއްޅަވަކުން ތައްޔާރު ކުރާ މަގުބޫލު ބުއިމެކެވެ.
ކުއްޅަވައް މޫސުމުގައި ނޫނަސް ކުމުންދޫއިން އަބަދުވެސް ކޮންމެސް ވަރަކަށް ކުއްޅަވައް ލިބޭކަން އެ ރަށުގެ ރައްޔިތުން ފާހަގަ ކުރެއެވެ. އަދި ކުއްޅަވައް ގިނައިން އަޅާފައި ހުންނަ ދުވަސްވަރު ކައިރި ރަށްރަށުގެ މީހުން ވެސް އައިސް ކުއްޅަވައް ފާ ތެރެއިން ކުއްޅަވައް ހޮވައިގެންދާ ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.