ފަސް ކިލޯގެ މަސްތުވާތަކެއްޗާ އެކު ރާއްޖެ އެތެރެވި ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ކޯޓުގައި ބުނީ، އިއްޔެ ރާއްޖެ އައި ޕާކިސްތާނުގެ މީހެއް ވައިގެ މަގުން އައިއިރު ގެނައި ދަބަހެއްގެ ތެރެއިން ފަސް ކިލީ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުނު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުއްލަތީފް ބަލޮޗް، 56 އެވެ.

އަބްދުއްލަތީފް ބަންދުކުރި ސަބަބަކީ، މަސްތުވާތަކެތި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި އޭނާގެ އަތުން ފެނިފައިވުމާއި، ރާއްޖެ އަށް މަސްތުވާތަކެތި ގެނައުމާއި ވިޔަފާރިކުރުމުގައި ބައިވެރިވުމެއް އޮތް ފަރާތެއް ކަމަށް ބެލެވޭތީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތް ކަމަށް ފެންނާތީ ކަމަށް، ކޯޓު އަމުރުގައިވެއެވެ.

މި މައްސަލައިގައި އަބްދުއްލަތީފް 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.