އެމްޓީސީސީއަށް މި ހާލު ޖެއްސީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެ ކުންފުނީގެ މިހާރުގެ ސީއީއޯ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މާއުނގޫދޫއަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވައެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ރަށްރަށުގައި ފަށާފައިވާ ގާތްގަނޑަކަށް ހުރިހާ މަޝްރޫއެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ޒިޔާދު ވިދާޅުވީ އެ ހުރިހާ ރަށްރަށުގެ މަޝްރޫއުތައް ފަށާފައިވަނީ ސިޔާސީ ބޭނުމަކަށް ފައިސާ ނެތި ކަމަށާއި ޕްރޮޖެކްޓްތަކަށް ސަޕްލައި ކުރާ ކުންފުނިތަކުން ބޭނުންވާ ތަކެތި ސްޕަލައިކޮށްފައިވަނީ ދަރަންޏަށް ކަމަށެވެ. އަދި އެ ތަކެތި ސަޕްލައިކޮށްފައިވަނީ ފައިސާ ދެވޭނެ ޕްލޭނެއް ނެތި ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ތެޔޮ ވެސް އެޅުވީ ދަރަންޏަށް ކަމަށާއި މި ހާލު އެމްޓީސީސީއަށް ޖެއްސީ ރައީސް ސޯލިހު ކަމަށެވެ. އަދި ގޯސް ހެއްދެވުމަށްފަހު މިހާރު ހެޑްލައިން އަޅުވަން ނޫޅުއްވަން ޒިޔާދު ވަނީ އެދިވަޑައިގެންފައެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިޔާދު ވިދާޅުވީ އެމްޓީސީސީގެ ބޮޑު ދަރަންޏެއް އެބައޮތް ކަމަށާއި އެމްޓީސީސީއާ ބެހޭ ގޮތުން މީޑިއާތަކަށް ކުރީގެ މެނޭޖްމަންޓުން ދީފައިވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އަދި އާ މެނޭޖްމަންޓުން ހަވާލުވި އިރު މާލީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަން ފާހަގަކުރައްވާ ޒިޔާދު ވަނީ އެމްޓީސީސީގެ ދަރަނި 954 މިލިއަނަށް އަރާ ކަމަށާއި އެ ކުންފުންޏަށް ލިބެން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އޮތް ކަމަށް ވިދާޅުވެފައެވެ.