ރޯދަމަހަށް ހާއްސަކޮށް ޗަމްޕާ ބްރަދާސް އިން ދިވެހިންނަށް ހަދިޔާ ކުރި ކަރާއާއި ފިޔާ އަދި ކާށި މިރޭ ބަހާ ގޮތަށް ހަމަޖެހިއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ޗަމްޕާ ބްރަދާސް އިން ދިން ތަކެތި ބެހުމުގެ މަސައްކަތް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާންމު ހިދުމަތްތަކާބެހޭ ބައިންނެވެ. އަދި ހުޅުމާލޭގައި އުމަރު ޒާހިރު ބިލްޑިންގްގައި އެތަކެތި ބަހާނެ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

މި ތަކެތި މިރޭ ބެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 09:00 އިން 00:00 ނިޔަލަށެވެ. ނަމަވެސް މާދާމާއިން ފެށިގެން ދެ ގަޑިއެއްގައި ހަދިޔާ ބެހުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ހެނދުނު 09:30 އިން މެންދުރު 13:00 އަށް އަދި ރޭގަނޑު 09:00 އިން މެންދަމު 00:00 ނިޔަލަށެވެ. ހަދިޔާ އާއި ހަވާލުވާން އަންނަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ އިރުޝާދު ދެއްވާފައެވެ.

ރާއްޖޭގެ ރިސޯޓު ވިޔަފާރީގައި މަޝްހޫރު ޗަމްޕާ ބްރަދާސްއިން މިއަހަރު ހަދިޔާ ކުރަން ނިންމާފައިވާނީ 50،000 ކާއްޓާއި 50 ޓަނުގެ ކަރާގެ އިތުރުން 10 ޓަނުގެ ފިޔާއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޗަމްޕާ ބްރަދާސް އިން ކާއްޓާއި ކަރާ ބަހާފައިވާއިރު އެއަހަރު އެ ތަކެތި ބަހާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނިއެވެ. ނަމަވެސް މި ފަހަރު ލޯކަލް ގަވަނެންސް މިނިސްޓްރީއާ ހަވާލުކުރީ ރަށްރަށަށް ވެސް އެ ތަކެތި ގެންދިއުމަށް ފަސޭހަވާނެތީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސިޓީ ކައުންސިލުން މިދިޔަ އަހަރު ރައްޔިތުންނަށް މިތަކެތި ހަވާލުކުރުން ކުރިއަށް ގެންދިޔައީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އިސްކަންދީގެންނެވެ. އަދި ހަމައެހެންމެ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް ކާށި ވަނީ ބަހާފައެވެ. ފުރަތަމަ 5 ކާށީގެ ރޭޓުން ބަހަމުން ދިޔަ ނަމަވެސް ފަހުން ރޭޓަށް ބަދަލު ގެނެސް 10 ކާށީގެ ރޭޓުން ކައުންސިލުން ވަނީ ކާށި ބަހާފައެވެ.