ތ. ކަނޑޫދޫ ސްކޫލުގެ ކްލާސްރޫމްތަކެއްގެ މަސައްކަތާ ގުޅިގެން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ވިދާޅުވެއްޖެއެވެ.

އިސްމާއީލްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ ތ. ކަނޑޫދޫ ސްކޫލުގެ ކްލާސްރޫމްތަކެއްގެ މަސައްކަތާ ގުޅިގެން، ސަބްކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން އެ މަސައްކަތް ކޮށްފައިވާ ހ. ވަލަންޖު، މޫސާ ހަލީލުއަށް 15 ދުވަހުގެ ތެރޭގައި 856،830.19 ރުފިޔާ ދެއްކުމަށެވެ. މި އަމުރުކޮށްފައި ވަނީ އިސްމާއީލްގެ ޣައިރު ހާޒިރުގައެވެ.

ކަނޑޫދޫ ސްކޫލުގެ ކްލާސްރޫމްތަކެއްގެ މަސައްކަތް ކުރުމުގެ ޕްރޮޖެކްޓަކީ، އިސްމާއީލްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއެއް ކަމަށްވާ "ޓީމް 3 ބީ"އަށް 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީއިން އެވޯޑްކޮށްފައިވާ ޕްރޮޖެކްޓެކެވެ. މޫސާ ހަލީލަކީ އެ ޕްރޮޖެކްޓްގެ ބައެއް މަސައްކަތް ކުރުމަށް ސަބްކޮންޓްރެކްޓް ކުރެވުނު ފަރާތެކެވެ.

އެ ފަރާތާއެކު އެއްބަސްވެފައިވާ އުސޫލުން މަސައްކަތް އެއްބަސްވެފައިވާ މުއްދަތުގައި ކުރިއަށް ގޮސްފައި ނުވުމުގެ އިތުރުން މަސައްކަތް ފުރިހަމަ ނުވާތީ އެ ފަރާތުގެ އަތުން މަސައްކަތް އަތުލުމުގެ ކުރިން މަސައްކަތަށް ދޭންޖެހޭ ފައިސާއެއްނަމަ، 2019 ވަނަ އަހަރާ ހަމައަށް ދައްކާ ހަލާސްކޮށްފައިވާނެ ކަމަށް އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބަލާއިރު 2020ވަނަ އަހަރު މޫސާ ހަލީލްގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމަށްފަހު، އެ ކޯޓުން ނިންމާފައި ވަނީ އެފަރާތުން ކޮށްފައިވާ ދައުވާ އެ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ކަނޑޫދޫ ސްކޫލުގެ ކްލާސްރޫމްތަކެއްގެ މަސައްކަތްކުރުމުގެ ޕްރޮޖެކްޓާ ގުޅިގެން ދައްކަން ޖެހޭ އެންމެހައި ފައިސާ ދައްކާފައިވާކަން، އެ ގަޒިއްޔާގައި ހުށަހެޅި އެންމެހައި ހެކިތަކުން ސާބިތުކޮށްދެވިފައިވާކަން، އެ ގަޒިއްޔާގެ ހުކުމުން އެނގެން އޮންނާނެ ކަމަށް ވެސް އިސްމާއީލް ވިދާޅުވެއެވެ.

އެއަށްފަހު އެ މައްސަލަ އަލުން ބަލައި އޭނާގެ ދަރަންޏެއް އޮތް ކަމަށް ނިންމާފައިވުމާ ގުޅިގެން އިސްމާއީލް ވިދާޅުވީ އެ ހުކުމްކޮށްފައިވަނީ ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ގެއްލިގެންދާ ގޮތަށް އަޅުގަނޑުގެ ޣައިރު ހާޒިރުގައި ކަމަށެވެ. އަދި މީގެކުރިން ވެސް ހަމަ މި މައުލޫގައި ދައުވާއެއް ހިންގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން ކޯޓެއްގައި ދެފަރާތެއްގެ ދެމެފު ހިނގި މައްސަލައެއްގައި ފައިސަލާކުރަނިވި ނިހާއީ ހުކުމެއް ކުރެވިފައިވަނިކޮށް، ހަމަ އެ ދެ ފަރާތް ހިމެނޭ އެއް މައުޅޫގެ މައްޗަށް އާ މައްސަލައެއް ހުށަހެޅުމުން އެ މައްދަލ ބެލުމަކޯ ގާނޫނީ ގޮތުން އިސްތިގުރާރުވެފައިވާ ރެސް ޖުޑިކަޓާގެ މަބްދައުގެ ދަށުން މަނާ ކުރާ ކަމެއް ކަމަށް އިސްމާއީލް ވިދާޅުވެއެވެ.

އެހެންކަމުން ކަނޑޫދޫ ސްކޫލުގެ ކްލާސްރޫމްތަކުގެ މަސައްކަތާ ގުޅޭ ގޮތުން މީގެ ކުރިން ސިވިލް ކޯޓުން މައްސަލައެއް ހިންގާފައިވާއިރު، އެ މައްސަލަ ދެވަނަ ފަހަރަށް ހަމަ އެ ކޯޓުން ހިންގައި އިސްމާއީލްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް ބޮޑު ދަރަންޏެއް ސާބިތުވާ ގޮތަށް ހުކުމްކޮށްފައި ވަނީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމުގައި ދެކިލައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްމާއީލް އިތުރަށް ވިދާޅުވީ މޫސާ ހަލީލްއަށް ދައްކަންޖެހޭ ފައިސާއެއް ނެތްކަމަށް ސިވިލް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވުމުގެ އިތުރުން ރެސް ޖުޑިކަޓާގެ އުސޫލާ ހިލާފަށް އިސްމާއީލްގެ ޣައިރު ހާޒުރުގައި އެ ނިންމުން ނިންމާފައިވާތީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޣައިރު ހާޒިރުގައި ކުރާ ހުކުމްތައް ބާތިލް ކުރުމަށް އެދެން ކަނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިން ސިވިލްކޯޓުގެ އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި މިއަދު ސިވިލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މި ދައުވާއަކީ ސިވިލްކޯޓަށް ހުށަހެޅު ކުރިއަށް ގެންދެވިގެން ނުވާނެ ދައުވާއެއް ކަމަށާއި މި ކަމަކީ ނިޒާމުގެ ނަހަމަ ބޭނުންކޮށްގެން ސިޔާސީ ގޮތުން ފިއްތުންތަކެއް ކުރިމަތިކުރުވުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ނޫން ގޮތަކަށް ސިފަވެގެން ނުދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްމާއީލްއަކީ ރައްޔިތުން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު ކަމަށް ވާއިރު، ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އޭނާ ދުވާފަރު ދާއިރާއަށް ވާދަކުރައްވައެވެ.