މުސްލިމުންގެ އެންމެ މުގައްދަސް 3 މިސްކިތުގެ ތެރެއިން އެއް މިސްކިތް ކަމުގައިވާ އަލް އަގުސާ އަށް ތަރާވީހަށް އެއްވި މީހުންގެ ގައިގާ އިޒްރޭލު ސިފައިން ތަޅާ އެމީހުން ބޭރުކޮށްލައިފިއެވެ.
ރޯދައަށް ހަނދު ފެނުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އަގްސާ މިސްކިތް ހުންނަ ކޮމްޕައުންޑް [ގޯތިތެރެއަށް] ވަނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތަން ހިސޯރު ކޮށްގެން ތިބެނީ އިޒްރޭލު ސިފައިން ކަމުން އެތަނަށް އަނިޔާއެއް ނުވެ ފަލަސްތީނުގެ މުސްލިމަކަށް ވަނުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ރޭ ހަނދު ފެނުމާއެކު ގިނަ ބަޔަކު އެއްވި އިރު އިޒްރޭލު ސިފައިން ވަނީ ދަނގަޅު ބެޓަން އިން އެމީހުންގެ ގައިގައި ތަޅާ މިސްތިތުގެ ގޯތިތެރެއަށް ވެސް ވަނަ ނުދޭން ހުރަސް އަޅާފައެވެ.
އަގްސާ މިސްކިތަކީ މުސްލިމުންގެ މުގައްދަސް ތަނަކަށް ވާ އިރު ޔަހޫދީން ބުނަނީ އެއީ އެމީހުންގެ ޓެމްޕަލް މައުންޓް ހުރި ތަން ކަމަށެވެ.
ގާޒާގައި މިހާރު ފެށިގެން އުޅޭ ހަމަނުޖެހުމުގެ އަސްލަކީވެސް އެ މިސްކިތަށް އިޒްރޭލު ސިފައިން ގަދަވެ ގަނެ މުސްލިމުން އެތަނަށް ވަނަ ނުދީ ހުރަސް އެޅުމާއި އެތަނަށް ވަދެ މުސްލިމުން ނަމާދު ކުރަން ތިބޭ އިރު ބަޑިޖަހާ ހަމަނުޖެހުން ހިންގަމުން ދާތާ ޒަމާންތަކެއް ވެފައިވާ ހަމަނުޖެހުންތަކެއްގެ ތެރެއިން އުފަންވެފައި ވާ ކަމެކެވެ.
ހަބަރުތައް ބުނާގޮތުން ރޭ މިސްކިތުގެ ގޯތިތެރެއަށް އެއްވި މީހުންނަށް އިޒްރޭލު ސިފައިން އަނިޔާ ކުރި ނަމަވެސް ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިސްކިތާ ހަމައަށް ގޮސް މިސްކިތަށް ވަދެފައެވެ.
އިޒްރޭލުގެ މި އުދުވާނަކީ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މީގެ ކުރިން އިއުލާން ކޮށްފައި ވާ އުސޫލާވެސް ހިލާފު ކަމެކެވެ. އޭނާ މީގެ ކުރިން ބުނެފައި ވަނީ މި ރަމަޟާން މަހު އަޅުކަން ކުރުމުގައި އެއްވެސް މީހަކަށް ހުރަސް ނާޅާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ހަރުކަރި ވަޒީރު އަންގަނީ އެއްވެސް މީހަކަށް އެތަނަށް ނުވަދެވޭނެ ކަމަށެވެ.
އޭނާ ބުނަނީ ހިފެހެއްޓުމެއް ނެތި ފަލަސްތީނުގެ މުސްލިމުންނަށް އަގްސާ މިސްކިތަށް ވަނުމަށް ފުރުސަތު ދިނުމަކީ އެމީހުންގެ މުގައްދަސް ޓެމްޕަލް ގައި މުސްލިމުންގެ ހަރަކާތްތައް ހިންގަން ފުރުސަތު ދިނުން ކަމަށެވެ.
އާންމުކޮށް ރޯދަ މަހު އަގްސާ މިސްކިތަށް ވަނުމުގެ ހުއްދަ އިޒްރޭލުން ދެއެވެ. މިދިޔަ އަހަރުވެސް 4 މިލިއަނެއްހާ މީހުންނަށް ފުރުސަތު ދިން އިރު އޭގެ ތެރޭގައި ގިނައީ ހުޅަނގު އައްސޭރިއާއި ގާޒާގެ ރައްޔިތުންނެވެ.
އަގްސާ މިސްކިތް ހުންނަ ކޮމްޕައުންޑަކީ ރަސޫލާ އިސްރާ އާއި މިއުރާޖު އަރާވަޑައިގެންނެވި ހިލަކޮޅު އޮންނަ ތަނެވެ. އެ ހާދިސާއަކީ އިސްލާމީ ފޮތްތަކުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަ ވާހަކައަކަށް ވާ އިރު އެ ތަން މުސްލިމުންގެ މުގައްދަސް ތަނަކަށް ވެގެން ދާ އެއް ސަބަބަކީވެސް އެއެވެ.
ޔަހޫދީންގެ ނަޒަރުގައި އެމީހުން ގަބޫލު ކުރާ ޓެމްޕަލް މައުންޓް ހުރީ އެތާނގައެވެ. އެއީ އިބްރާހިމް އަލައިހިއްސަލާމް, އެކަލޭގެފާނުގެ ދަރިކަލުން އިސްހާގު ގުރުބާން ކުރެއްވި ހާދިސާ ހިނގި ތަނެވެ. އެމީހުން ބުނަނީ އެތަން ރޯމަނުންގެ ޒަމާނުގައި ހަލާކު ކޮށްލީ ކަމަށެވެ.
ރޯދައަށް އިޒްރޭލުގެ ހަމަލާތައް ހުއްޓާލާނެ ކަމަށް ކުރިން ބެލުވުނު ނަމަވެސް ހަނގުރާމަ ހުއްޓާލާފައި ނުވާ އިރު މިއީ ފަލަސްތީނުގެ ރައްޔިތުންނަށް މިހާރުވެސް ކުރިމަތިވެފައި ވާ ހައިހޫނު ކަމާއި ގިލަންވެރިކަމުގެ އިތުރު މަރުހަލާއެއް ކަމަށް މުރާސިލުން ބުނެއެވެ.
އޮކްޓޯބަރު 7, 2023 ގައި ފެށި ހަނގުރާމަ މިއަދާ ހަމައަށް އައިއިރު އިޒްރޭލުން ވަނީ ފަލަސްތީނުގެ 31,000 މީހުން ޝަހީދު ކޮށްލައި 72,000 މީހުން ޒަހަމް ކޮށްލާފައެވެ.
މަސްޖިދުލް އަޤްޞާއަކީ މުޅި އެ ކަމްޕައުންޑެވެ. އަލްއަޤްޞާ މިސްކިތް ކަމަށް ފޮޓޯގައި ފާހަގަކޮށްފައިވާ މިސްކިތަށް ކިޔަނީ މަސްޖިދުލް ޤިބުލީ އެވެ. މި ފޮޓޯގައިވެސް ފާހަގަކޮށްފައިވާހެން ބައެއް މީހުން އެ މިސްކިތަށް އަލްއަޤްޞާ މިސްކިތުގެ ނަންދޭއިރު އަނެއްބަޔަކު ޑޯމް އޮފް ދަ ރޮކް "މަސްޖިދު ޤުއްބަތުއް ޞަޚްރާ" އަށް މަސްޖިދުލް އަޤްޞާއޭ ކިޔައެވެ. މި ދެގޮތްވެސް ނުބައެވެ. ހަތަރު ފާރުގެ ތެރޭގައިވާ މުޅި ސަރަޙައްދަކީ އަލްއަޤްޞާ މިސްކިތެވެ.