ކްރިމިނަލް ކޯޓުގެ ސާވާ ރަނގަޅުކޮށް އަލުން ޝަރީއަތްތަށް ފަށަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 11 މާޗުން ފެށިގެން ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ތަކާއި، ޝަރީއަތުގެ އަޑުއެހުންތައް އާންމު އުސޫލުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް މިއަދު ގާޒީންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ. އަދި ޝަރީއަތް އަޑުއެހުމަށް ބޭނުންވާ ނޫސްވެރިންނަށްވެސް އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެކަމަށެވެ.

މާލެއަށް މިދިޔަ ޖެނުއަރީ ފެށުން ދުވަސްކޮޅު ވެހުން ބޯ ވާރޭގައި ކޯޓުގެ ހުރިހާ ދިމާއެއްގެ ސީލީނުން ވަނީ ފެންވަދެފައެވެ. ފެނުގެ އަސަރުކޮށްގެން ކޯޓުގެ ސާވާ ވެސް ވަނީ އެއްކޮށް ހަލާކުވެފައެވެ. އެ ދުވަހު އިންޓަނެޓުގެ ހިދުމަތް ނުލިބި، އަޑުއެހުންތައް ކެންސަލް ކުރަން ޖެހުނެވެ. އަދި އިދާރީ އެއްވެސް ހިދުމަތެއްވެސް ނުދެވުނެވެ. އެހެންނަމަވެސް ބަންދުގެ މުއްދަތު ޖެހުމުގެ މަޖިލިސްތައް ބާއްވަމުންދާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ވިއްސާރަ މޫސުމުގައި ކޯޓުގެ އިމާރާތުގެ ތެރެއަށް ފެން ވަދެ ހިދުމަތަށް ބުރޫ އަރާފައިވެއެވެ. ކޯޓުގެ ސާވާއަށް ނޫނީ ސާވާ ރޫމަށް ފެން ވަދެގެން މީގެ ކުރިން ވެސް ތާވަލުކޮށްފައިވާ އަޑު އެހުންތައް ކެންސަލް ކުރަން ޖެހިފައި އެބަ ހުއްޓެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބަދަލުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)އިން މީގެކުރިންވެސް މަސައްކަތްތަކެއް ކޮށްފައިވާއިރު މިދިޔަ އަހަރުވެސް އެ ކޯޓުގެ ތަނބެއް ވެއްޓުމާ ގުޅިގެން ވަނީ ގެއްލުންތަކެއް ވެފައެވެ.