އިޒްރޭލުން ގާޒާގެ ކޮންޓްރޯލް ނެގުމަށް ހިންގާ އުދުވާނުގައި އެއްގަމު މަގުން އެރީއްސުރެ ހަދަމުން ދިޔަ މަގު ނިންމާލައިފިއެވެ.

މިހާރު ގާޒާގެ އުތުރާއި ދެކުނަކީ ވަކި ވެފައިވާ ދެތަކެވެ. އުތުރުގައި ގާޒާގެ 100،000 އެއްހާ މީހުން ތާށިވެފައި ތިބި އިރު ދެކުނުގައި 1.5 މިލިއަން މީހުން އެބަތިއްބެއެވެ.

އިޒްރޭލުގެ މުޅި ޕްލޭނަކީ ގާޒާ އަތްދަށުލުން ކަމަށް ޔަހޫދީ ބައެއް ވަޒީރުންގެ ވާހަކައިގެން އެނގޭއިރު އެމީހުން ވަނި ގާޒާގައި އާބާދު ކުރާނެ ޔަހޫދީން ހޯދުމަށް ތަސައްވުރުތަކާއެކު ބޮޑު ކޮންވެންޝަނެއްވެސް ބާއްވާފައެވެ. އެ ކޮންވެންޝަނުގައި ގާޒާގައި އާބާދީތައް ބެހިގެންދާނެ ގޮތާއި ލިބެން ހުންނާނެ ހިދުމަތްތައް ވެސް ދައްކާލާފައި ވާ އިރު މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިންތަކުން ބާލަން މާ ދުރާލައި ހިންގާ ޖަރީމާއެއްކަމަށް މުރާސިލުން ބުނެއެވެ.

ގާޒާ އާބާދު ކުރަން ގަސްދު ކުރާ ގޮތް ދައްކާލާފައި ވާ އިރު، އިޒްރޭލުން މިހާރުވެސް ހިފާފައިވާ ހުޅަނގު އައްސޭރީގެ ތެރެއަށް އާބާދީތައް ފުޅާ ކުރާނެ ގޮތުގެ ޕްލޭންތައްވެސް ވަނީ ހަދާފައެވެ. މިހާރުވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ މީހުންގެ އަވަށްތަކުގެ ތެރޭގައި ޔަހޫދީ އާބާދީތައް ހަދާފައި ވާ އިރު އާ ޕްލޭންގައި 3000 މީހުން ވަޒަންވެރި ކުރުން އެބައޮތެވެ. އެކަމާ ގުޅޭ ކުރެހުންތަކާއި ގެތައް ހުންނާނެ ގޮތުގެ ނަކަލުތައް ވެސް ދައްކާފައި ވެއެވެ.

އިޒްރޭލުން ގާޒާ ދެބުރިކޮށް މަގު ހަދަނީ

ގާޒާ ހިފާ އެތަނުން ވަޒަންވެރިން ބާލަން އިޒްރޭލުން ހިންގާ ލާއިންސާނީ އުދުވާނާ ގުޅޭ ގޮތުން ހަރުކަށި ރައްބީން [ޔަހޫދީ ދީނީ މީހުން] ދެމުން ގެންދާ އެއް ފަރުވާ އަކީ ކުޑައެއް ބޮޑެއް ނުބަލައި ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަރާ ހުސްކުރަން ދޭ ފަތުވާއެވެ. އެމީހުން ބުނަނީ މިއަދުގެ ތުއްތު ކުދިން އަދި ކުޑަކުދިންނަކީ މާދަމާ ވޮރިއާ [މުޖާހިދުން] ކަމަށާއި އެހެން ކަމުން ހަމަ އެކަކުވެސް ދުނިޔޭގައި ބަހައްޓަން ހެޔޮ ނުވާނެ ކަމަށެވެ.

ގާޒާގެ އުތުރަށް އިޒްރޭލުން އެރީއްސުރެ ކުރަމުން ދިޔަ އެއް މަސައްކަތަކީ އުތުރާއި ދެކުނު ވަކިކޮށްލުމަށް އިރުން ހުޅަނގަށް ބޮޑު މަގެއް ހެދުމުގެ މަސައްކަތެވެ. އެ މަސައްކަތް މިއަދު ނިންމާލާފައި ވާ އިރު، މާސިންގާ ފުޅާ މަގަކާއި އެ މަގުގެ އުތުރުން [ގާޒާގެ އުތުރު ފަޅިން] ދިފާއީ އިތުރު މަގެއްވެސް ހަދާފައި ވެއެވެ. ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުން 5 ކިލޯމީޓަރުގެ ދިގުމަގެއް އިޒްރޭލުން ވަނީ ހަދާފައެވެ. މި މަގުގެ އެއް ފަރާތުގައި ވެލީގެ އުސް ފާރެއް ހަދާފައި ވާ އިރު އެއީ ގާޒާގެ ދެކުނުގައި ތާށިވެފައި ތިބި ފަލަސްތީނުގެ މީހުން އެނބުރި އުތުރަށް ވަނަ ނުދީ ހުރަސް އެޅުމުގެ ބޭނުމުގައި ކޮށްފައި ވާ މަސައްކަތެއް ކަމަށް މުރާސިލުން ބުނެއެވެ.

ހަނގުރާމަ ފެށުނުތާ ކައިރީގައި ދެއްކި އެއް ވާހަކައަކީވެސް އިޒްރޭލުން ގާޒާގެ އުތުރާއި ދެކުނު ވަކި ކޮށްލައި ގާޒާގެ ރައްޔިތުން ދިރިއުޅެން އޮތް ސަރަހައްދު ކުޑަކޮށްލާނެ ކަމުގެ ވާހަކަތަކެވެ. މިއަދު އެމަގަށް އިޒްރޭލުން ކަންކޮށް ނިންމާފައި ވާ އިރު އިޒްރޭލުން ބުނެފައި ވަނީ އުތުރު ވެގެން ދާނީ ބަފާ ޒޯން [ބަންދު ކުރެވިފައިވާ ސަރަހައްދު] އެއް ގެ ގޮތުގައި ކަމަށާއި، އުތުރުގެ އިތުރުން ދެކުނުގެ ކޮންޓްރޯލްވެސް ދެން އޮންނާނީ އިޒްރޭލަށް ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ ގާނޫނު ތަކާ މުޅިން ހިލާފު އަމަލެއް ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ، އެމީހުން ކަންކުރާނެ ގޮތް އެނގޭނީ އެމީހުންނަށް ކަމަށާއި ގާޒާގައި ސެކިއުރިޓީ ބަލަހައްޓަން އިތުރު ބަޔަކަށް ނުތިބެވޭނެ ކަމަށެވެ.