ސްޓެލްކޯއިން ރޯދައިގެ ކުރިން ހުޅުވަން މަސައްކަތް ކުރަމުންދިޔަ ދޮންއަދަރާދަ ހިނގުން ހުޅުވައިފިއެވެ.
ދޮންއަދަރާދަ ހިނގުން ރަސްމީކޮށް ރޭ ހުޅުއްވާދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
ސްޓެލްކޯއިން ބުނީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތް ޕަވާ ޕްރޮޖެކްޓް ފެށުން ލަސްވެ އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ކުންފުނީގެ ކޮމްޕައުންޑާއި އިންވެގެން އޮތް ދޮންއަދަރާދަ ހިނގުން ބަންދުކޮށް އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅުނު ކަމަށެވެ.
އެހެންނަމަވެސް ރޯދަމަހުގެ ކުރިން މާލޭގެ ޓްރެފިކަށް ލުޔެއް ހޯދައިދިނުމަށް އަޒުމް ކަނޑައަޅައި، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ފެށީ އެ ކުންފުނީގެ އަތޮޅުތެރޭ މުވައްޒަފުން ހިމެނޭހެން ވަރުގަދަ ޓީމަކާއެކު މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ މަގު ހުޅުވުމުގެ އިރުޝާދު ލިބިވަޑައިގަތީ ރައީސްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުޕުޅުން ކަމަށާއި ރައްޔިތުންގެ ވިންދާއި އެއްގޮތައް އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަވާތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެ މަގު ހުޅުވާލުމާއެކު އެކަމުގެ ލުއި ފަސޭހަތައް މާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ސަރުކާރުން ބަދަލުތަކެއް ބޭނުން ވެގެން ކުރަމުންގެންދާ އަވަސް މަސައްކަތްތަކުގައި އެންމެ ފުރިހަމަގޮތެއްގައި އެ މަސައްކަތް ކުރަމުންގެންދަނީ ފަހުމީ ކަމަށެވެ.