މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހަމައެކަނި ވިޔަފާރި ބަނދަރު މަނޭޖް ކުރުމުގެ ބަދަލުގައި އިތުރު ދާއިރާއަކަށް ވިޔަފާރި ފުޅާކޮށް އިންގިލާބި ބަދަލެއް މިއަދި އިއުލާން ކޮށްފިއެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ރާއްޖެއިން ބޭރުން ގެންނަ ކޮންޓެއިނާ ކާގޯ އެއާ ފްރައިޓް ކޮށް އެކްސްޕޯޓް ކޮށްދިނުމުގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވެ ނިމިފައި ވާ ކަމަށާއި ލަސްތަކެއް ނުވެ އެ ހިދުމަތް ފެށޭނެ ކަމަށެވެ. އެއީ ސްކޯޕް އޮތް ދާއިރާއެއް ކަމަށާއި މިހާރުވެސް 100 އެތައް ކޮންޓެއިނާއެއްގެ މުދާ އެއާ ފްރައިޓުކޮށް ރާއްޖެ މަގުން އެކި ގައުމުތަކަށް ފޮނުވަން ލިބިފައި ވާ ކަމަށެވެ.

"އެ ހިދުމަތް ފެށިގެން ދިޔުމުން އާމްދަނީ ލިބޭނީ ސީދަ ޑޮލަރުން، މިހާރުވެސް ލަންކާގައި އެބަހުރި 100 އެތައް ކޮންޓެއިނަރެއް ރާއްޖެ މަގުން އެއާ ފްރައިޓް ކޮށް ފޮނުވަން"
ވަޖީހު

އޭނާ ވިދާޅުވީ އެ ހިދުމަތަށް ވަނުމަށްޓަކައި މިހާރު 3 އެއާލައިނަކާ މަޝްވަރާ ކުރެވި ހިދުމަތްތައް ފެށުމަށް ތައްޔާރުވެފައި ވާ ކަމަށެވެ.

މީގެ އިތުރުން އެމްޕީއެލް އިން އަމާޒު ހިފާފައި ވަނީ، އައްޑު އަތޮޅުގައި 'އިންޓަނޭޝަނަލް ފިޝް ހަބް' އަކާއި ލ ގާދޫގައި ބަންކަރިންނާއި ސިޓީ ހޮޓަލަކާއި އިތުރު ހިދުމަތްތަކާއެކު ބޮޑު ޕޯޓެއް ހެދުމަށެވެ. އެކަންކަމާ ގުޅޭ ދިރާސާތައް ކުރަމުން ދާ އިރު ވަޖީހު ވިދާޅުވީ، އައްޑޫގައި ގާއިމު ކުރަން މަސައްކަތް ކުރާ ފިޝް ހަބް ވެގެން ދާނީ، ބައިނަލްއަގުވާމީ ފެންވަރުގައި މަސް ގަނެ ޕްރޮސެސް ކުރާ ފަރާތްތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ލިބޭނެ ފަހި ފުރުސަތަކަށް ކަމަށެވެ.

"މިހާރު އެ މަސައްކަތް ކުރުމަށްޓަކައި ރާއްޖެ ހިމެނޭ ސަރަހައްދުގައި މަސް ޕްރޮސެސް ކުރާ މޮރިޝަސް އަދި ޝީޝަލްސް ފަދަ ގައުމުތަކަށް އެމްޕީއެލްގެ ޓީމެއް ވަރަށް އަވަހަށް ދަތުރު ކުރާނެ، އެމީހުން ގޮސް ކަމާ ގުޅޭ މަޝްވަރާތައް ކުރާނެ، ބައިނަލްއަގުވާމީ ފަރާތްތަކަށް ދެވެން ހުރި ފުރުސަތުތައް ދެނެގަނެ އަދި އިންސެންޓިވެއް ދޭން ޖެހޭނަމަ ދީގެން ވެސް އެއީ ކުރަން ޖެހޭ ކަމެއް"
ވަޖީހު

އޭނާ ވިދާޅުވީ ރާއްޖޭގެ އީއީޒެޑްގެ ބޭރުން ވަށައިގެން ދާ ޖަހައިގެން މަސްވެރިކަން ކުރަމުން ދާ ބޯޓުފަހަރު ގިނަ ކަމަށާއި އެފަރާތްތަކުން މަސް ބާނައިގެން ނުވަތަ މަސް ހިފައިގެން އެ ގެންދަނީ މޮރިޝަސް އާއި ޝީޝަލްސް ފަދަ ގައުމުތަކަށް ކަމަށެވެ. ނަމަވެސް ރާއްޖޭގައި އެފަރާތްތަކަށް ފްރީޒޯނެއް ކަނޑައަޅައިދީފި ނަމަ އެފަރާތްތަކުން މަސް ގެންނާނީ ރާއްޖެއަށް ކަމަށާއި އަދި ދިވެހި މަސްވެރިން ބާނާ މަސްވެސް އެތަނަށް ގެންދާނެ ކަމަށެވެ. އެއީ މަސް ކިރުމާ ހަމައިން ފެށިގެން ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭ ފެންވަރަށް ގާއިމު ކުރެވޭ ފެސިލިޓީތަކަށް ހެދުމުން، ރާއްޖޭގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

މީގެ އިތުރުން ލ އަތޮޅުގައި ގާއިމު ކުރާ ފެސިލިޓީއަކީވެސް އެފަދަ ހިދުމަތްތަކާ އެކު ވިޔަފާރިތަކަށް ފަހިކޮށްދެވޭ ހިދުމަތަކަށް ވެގެން ދިޔުމުން، ބޭރު ފައިސާ ލިބި ރާއްޖެއަށް ދިމާވެފައި ވާ ބޭރު ފައިސާގެ މައްސަލައަށް ލުޔެއް ލިބިގެން ދިޔުމުގެ އިތުރުން ކުންފުނި ބޮޑުތަނުން ކުރިއަރައިގެން ދާނެ ކަމަށެވެ.

އެމްޕީއެލްގެ ހިދުމަތްތައް ޑައިވާސިފައި ކުރަން ގަސްދު ކުރައްވާފައި ވާ ގޮތް ނޫސްވެރިންނަށް ހާމަ ކުރައްވަމުން ސީއީއޯ ވިދާޅުވީ، އެމްޕީއެލްގެ ބިންތައް މާލެ އާއި ހުޅުމާލެ އަދި ތިލަފުށީގައި އޮތް އިރު، މާލޭގެ ބަނދަރު ތިލަފުއްޓަށް ބަދަލުވެގެން ދިޔުމުން މާލޭ ބަނދަރުގައި ކްރޫޒް ޓާމިނަލެއް ހައްދަވާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ކޯޕަރޭޓް އިމާރާތެއް ހެދުމުގެ އިތުރުން މާލޭގައި ހުރި ޕޯޓް ކޮމްޕްލެކްސް އިމާރާތް ތަލާލައި އެތާނގައި 25 ބުރީގެ އިމާރާތެއް ހަދާއި ވިޔަފާރި ފުޅާ ކުރައްވާނެ ކަމަށެވެ.

"އަދި ތިލަފުށީގައި މި ސަރަހައްދުގައި ނެތް ވަރުގެ ބޯޓު ޔާޑަކާއި ޑޮކްޔާޑަކާއި ވޯކްޝޮޕެއް ހަދަން މި މަސައްކަތް ކުރަނީ، އެތާނގައި އެ ހިދުމަތް ގާއިމު ކުރެވިގެން ދިޔުމުން ލަންކާ އިންޑިއާ އަށް ރާއްޖޭގެ ވެސެލްތައް ގެންދަން ނުޖެހި އެކަން އެ ތަނުން ކުރެވޭނެ، އެއާއެކު ރާއްޖެއިން ބޭރުވާ ޑޮލަރު ހިފެހެއްޓި އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ"
ވަޖީހު

ވަޖީހު ވިދާޅުވީ، އެމްޕީއެންގެ ތަސައްވުރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 5 އަހަރުގެ ދައުރުގައި މި ކަންކަން ހާއިސު ކުރުން ކަމަށާއި އެކަމަށް އެމްޕީއެލްގެ ޓީމު އޮތީ ފުރިހަމައަށް ތައްޔާރު ވެފައި ކަމަށެވެ.