ރަށްރަށުގެ ގެސްޓް ހައުސްތަކުން ލިބޭ ޓީޖީއެސްޓީގެ ވަކި ވަރެއް ކައުންސިލްތަކަށް ލިބޭ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އަތޮޅު ތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވ. ކެޔޮދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރަށްރަށަށް ކުރަން ޖެހިފައިވާ ކަންކަން ކުރެވޭނީ އާމްދަނީ އިތުރުކޮށްގެން ކަމަށާއި އާމްދަނީ އިތުރުކުރެވެން އަންނަނީ އިންޑަސްޓްރީތައް ފުޅާކޮށްގެން ކަމަށެވެ. އަދި ކެޔޮދޫއަކީ ކާމިޔާބުކަމާއެކު ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ ވަރަށް ބައިވަރު މަސައްކަތްތައް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ނުފެށިފައި އަދި ހުއްޓިފައި ހުރި ރިސޯޓްތައް ނިންމުމަށްޓަކައި އެކި ކަހަލަ ފުރުސަތުތައް ދެމުންދާ ކަމަށާއި އެއީ އެ މަސައްކަތްތައް އަވަހަށް ނިންމާރާއްޖޭގެ މާލިއްޔަތަށް އާމްދަނީ އިތުރުކުރުމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެން ދާއިރާތަކުންވެސް ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށާއި އެކަންކަން ކުރެވޭއިރުގައި ގަސްތު ކުރަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އޭގެ ފުރިހަމަ ނަފާ ރައްޔިތުންނަށް ލިބޭ ގޮތަށް ކަންތައްތައް ބައްޓަން ކުރަން ކަމަށެވެ. އަދި މިހާރު ވެސް ކައުންސިލްތަކަށް އިތުރު އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ކޮންމެ ރަށެއްގެ ކައިރިން ވިޔަސް އަދި ދުރުން ވިޔަސް ހުސްކޮށް އޮތް ފަޅުރަށެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިފައިވާނެ ކަމަށާއި އެއީ އެރަށުގައި އެކި ކަހަލަ ވިޔަފާރިތައް ހިންގައިގެން ރަށަށް ބޭނުންވާ އާމްދަނީއާއި ކައުންސިލްގެ އާމްދަނީ ބަޖެޓަށް ފައިސާ އިތުރުކުރުމަށް ފުރުސަތުދޭން ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ދޭ ގްރާންޓް އެއިޑްގެ ތެރެއިން ކަރަންޓް ބިލަށް ކުރާ ހަރަދުން ބައެއް ފަސޭހަ ކޮށްދިނުމުގެ ގޮތުން މި މަހުން ފެށިގެން މިސްކިތްތަކުގެ ބިލްތައް ޑޮމެސްޓިކް ރޭޓަށް ކުޑަކޮށްދީފައިވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ސްޓެލްކޯއާއި ފެނަކައިގެން ހާލަތު ރަނގަޅު ވަމުންދާ ވަރަކުން ދެން ހުރި މަގު ބައްތި ދިއްލުމާއި އާންމު ސަރަހައްދުތައް ދިއްލުމުގެ ބިލްތަކުގެ ރޭޓްތައްވެސް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުން މިހާރަށް މިސްކިތްތަކުގެ ބިލްތައް ކުޑަކުރުމުން ކައުންސިލްތަކަށް ވަރަށް ބޮޑު ހަރަދެއް ކުޑަވެގެންދާނެ ކަމަށާއި ކައުންސިލް ތަކަށް އާމްދަނީ އިތުރުވުމުން ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ކުރިއެރުން ހޯދިގެންދާނެ ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރެވުނީމާ ސަރުކާރުން މިނިސްޓްރީތަކުން ކުރަން ޖެހޭ ހަރަދުތައް ވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހަގީގީ މާނާގައި ލާމަރުކަޒީކޮށް އެ ލިބޭ އާމްދަނީއަކުން ފައިދާވާ ގޮތް ހަދަން ބޭނުވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރުކަންކަން ކުރަންވެސް ގަސްތު ކުރައްވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތަކާއި ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީއިން ވަކި ޕަސެންޓެއް ކައުންސިލްތަކުގެ އާމްދަނީ އަށް އިތުރުކުރުމަށް ލާމަރުކަޒީ ގާނޫނާއި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަން ގަސްތުކުރައްވާ ކަމަށެވެ.
އޭގެ ސަބަބުން ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ފައިސާ ލިބިގެންދާނެ ކަމަށާއި ހަމަ އެގޮތަށް އެހެން އިންޑަސްޓްރީތައްވެސް ރަށުގެ އާބަދީގައި އެކި ކަހަލަ މަސައްކަތް ކުރެވިގެންދާއިރު އާމްދަނީ ލިބޭ އެކި އެކި ވަސީލަތްތަކުން ޓެކްސްގެ ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން ކުރިއަށް އޮތްތަނުގައި މީރާ އަށް ޖަމާ ކުރެވޭ ވަކި ޕަސެންޓެއް ކޮންމެ ކައުންސިލަކަށް ލިބޭ ގޮތަށް ބައްޓަން ކުރަން ގާނޫނަށް އިސްލާހު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާއެކު ކައުންސިލަތްކުން ރައްޔިތުނަށް ހިދުމަތްކުރުމުގައި ކޮންމެ އަހަރެއްގެ ބަޖެޓުން އެ ކުރާ ހަރަދަށްވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށާއި ލާމަރުކަޒީ ކޮށް ރަށްރަށުން ސީދާ ކައުންސިލުތަކުން އެ ލިބޭ އާމްދަނީ މެދުވެރިކޮށް ކަންކަން ފަހިކުރެވިގެންދާނެ ކަމަށެވެ. އަދި މައި އިންޑަސްޓްރީތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމަށް ކަމާބެހޭ ހުރިހާ އާމްދަނީއަކަށް އިސްލާހު ގެންނާނަވާނެ ކަމަށާއި އޭރުން ކުރިއަށް އޮތްތަނުގައި ރައްޔިތުންނަށް ރަށަށް އެ ފައިސާ ވަންނަން ފަށާނެ ކަމަށް ރައީސް ވިދާޅުިއެވެ.
ރައީސް ވިދާލުވީ އެކަން ކުރެވެން އޮތީ ރައްޔިތުން މަޖިލިސް މެދުވެރިކޮށް ކަމަށާއި މިފަދަ ކަންކަން ކުރެވެން އަންނަނީ ރައްޔިތުންނަށް މިފަދައިން ހެވާ ލާބައަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދީގެން ކަންކަން ކުރުމުން ކަމަށެވެ.