ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ކާނެ އެއްޗެއް ނުލިބި، ބަނޑުހައި ހޫނުކަން އިންތިހާއަށް ތަހައްމަލު ކުރަމުންދާ މި ދަނޑިވަޅުގައި ދިވެހިންގެ އެހީގައި ކާބޯތަކެތީގެ ޕެކޭޖް ބަހައިފިއެވެ.
ދިވެހިންގެ އެހީ ގާޒާއަށް ފޯރު ކޮށްދެމުން އަންނަ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނީ ކާނެ އެއްޗެއް ނުލިބި ގާޒާގެ ރައްޔިތުން ދަނީ ވަރަށް ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ކަމަށާއި މި ކަމުގެ ސަބަބުން ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ދުނިޔެ ދޫ ކުރަމުންދާ ކަމަށެވެ.
މިފަދަ ނާޒުކު ބިރުވެރި ހާލަތެއްގައި ގާޒާ ވީ ނަމަވެސް ކޮންމެވެސް ވަރަކަށް އެހީ ފޯރުކޮށްދެވެމުންދާ ކަމަށް އައިއޭސީން ބުނެއެވެ. ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ނޯތް ގާޒާއަށްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ އެ އަވަށުގައި ތިބި އާއިލާތަކަށް ކާބޯތަކެތީގެ 5000 ޕެކޭޖް ބަހާފައިވާ ކަމަށެވެ.
އިޒްރޭލުން ގާޒާއަށް އެހީ ވެއްދުމަށް ހުރަސް އެޅުމުގެ ސަބަބުން ގިނަ އެހީގެ ޓްރަކުތަކަށް ވަނީ ގާޒާއަށް ނުވަދެވި ބޯޑަރުގެ އަނެއް ފަރާތުގައި މަޑުކުރަން ޖެހިފައެވެ. އެއާއެކު ގާޒާގައި ބަނޑުހައިހޫނުކަން އިންތިހާއަށް ފެތުރިފައިވީ ނަމަވެސް ގާޒާއަށް އެހީ ހިފައިގެން ދާ އުޅަނދުތައް ކައިރިއަށް އެއްވާ މީހުންނަށް އަމާޒުކޮށް އަނިޔާވެރި އިޒްރޭލުގެ ސިފައިން ދަނީ ކޮންމެ ދުވަހަކު ހަމަލާތައް ދެމުންނެވެ.
އެގޮތުން މިދިޔަ ހަފްތާގައި ވެސް އިޒްރޭލުގެ ސިފައިން ގާޒާގެ ސިޓީގައި އެހީގެ ޓްރަކުތަކުގެ އިންތިޒާރުގައި އެއްވެފައި ތިބި އެތައް ސަތޭކަ މީހުންގެ ތެރެއަށް ބަޑި ޖަހައި 112 މީހުން ޝަހީދު ކޮށްލާފައި ވާއިރު އެ ހަމަލާގައި 760 މީހުން ވަނީ ޒަހަމް ވެފައެވެ.
ހަނގުރާމަ ފެށި ފަހުން މިއަދަށް 5 މަސް ދުވަސް ވެފައިވީ ނަމަވެސް އިޒްރޭލުން ދަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދަމުންނެވެ. މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،000 ފަހަނައަޅާ ގޮސްފައި ވާއިރު ޒަހަމް ކޮށްލި މީހުންގެ އަދަދު ވަނީ 72،000 އަށްވުރެ މަތިވެފެއެވެ. ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.
ކުރިއަށް މިއޮތް ރޯދަ މަހުގެ ކުރިއަށް ހަމަލާ ބަދަލުކުރުން ނިމުމަކަށް ގެނައުމަށް މަޝްވަރާ ކުރަން ހަމާސްގެ އޮފިޝަލުންނާއި ގަތަރާއި މިސްރުގެ ސަރުކާރުތަކުން ދަނީ މިހާރު މިސްރުގެ ވެރިރަށް ގާހިރާއަށް ގޮސް ތިބި ނަމަވެސް އެ މަސައްކަތުގައި އަލިމަގެއް ނުފެންނަ ކަމަށް ބޭރުގެ ރިޕޯޓުތައް ބުނެއެވެ.