އިސްލާމިކް މިނިސްޓްރީން ފެށި "ޒުވާން ހަތީބު" ޕްރޮގުރާމުގެ ދަށުން އަލަށް ތަމްރީނުކުރާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު، ރަސްމީ ހުއްދަ ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ގްރޭޑް 10, 11، 12 ގައި ކިޔަވާ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު މިނިސްޓަރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން ހަތީބުންގެ އިންޓަވިއު ނިމިފައިވާކަމަށެވެ. އަދި މިއަދު، މާލެ ސަރަހައްދުގައި ތިބި ފަރާތްތަކުގެ އަމަލީ ތަމްރީނު ފަށާފައިވާ ކަމަށާއި އެ ތަމްރީނުތައް ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި އާދިއްތަ ދުވަހު އެފަރާތްތަކުގެ ހުއްދަ ދޫކޮށް، އަންނަ ރޯދަ މަހުގައި އެ ޒުވާނުންނަށް ހުތުބާ ކިޔޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.

އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމް އިފްތިތާހުކޮށް، އެ ޕްރޮގުރާމުގެ ފުރަތަމަ ބުރު ފަށާފައިވަނީ މިދިޔަ ފެބްރުއަރީ މަހު، ގެމަނަފުށީގައެވެ. މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެފައިވާއިރު އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުރްއާނާއި ތަޖުވީދުގެ އިލްމާއި ތަފްސީރާއި ފިގުހާއި ހަދީޘާއި އަގީދާގެ އިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު އިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުމެވެ.