އެމެރިކާ އާއި ގަތަރު އަދި މިސްރު މެދުވެރިވެގެން ގާޒާ ހަނގުރާމަ ހުއްޓާލުމަށް އިޒްރޭލާއި ހަމާސް އާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް ކޮޅެއް ނުޖެހި ނިމިއްޖެއެވެ.

މިސްރުގެ ވެރިރަށުގައި 3 ދުވަހަށް ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިޒްރޭލުގެ މަންދޫބުން ބައިވެރި ކޮށްފައި ނުވާ އިރު އެމީހުން ބުނަމުން ދަނީ، ހަމަލާތައް ހުއްޓާލުމާ މެދު ވާހަކަ ދެއްކޭނީ ހަމާސް އިން ރަހީނު ކުރި މީހުންގެ ތެރެއިން ބާކީ ތިބި މީހުންގެ ލިސްޓެއް ލިބިގެން ކަމަށެވެ. ނަމަވެސް ހަމާސް އިން ބުނެފައި ވަނީ، މިވަގުތު އެ ލިސްޓު ދެވެން ނެތް ކަމަށާއި ނުވަތަ އެ މައުލޫމާތު މިވަގުތު ނެތް ކަމަށެވެ.

މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމުނު މައްސަލައިގައި ވާހަކަ ދައްކަވަމުން އެމެެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، ހަމަލާތައް ހުއްޓާލަން ހަމާސް އިން ވަގުތުން އެއްބަސްވާން ޖެހޭ ކަމަށާއި ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭން އިޒްރޭލުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ކޮޅެއްގައި ނުޖެހުނު މަޝްވަރާތަކުގައި ވާހަކަ ދެއްކީ ހަމާސްގެ އަތް ދަށުގައި ތިބި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަން ކުރުމުގެ ބަދަލުގައި 6 ހަފްތާއަށް ހަމަލާތައް ހުއްޓާލައި އިޒްރޭލުން ރަހީނު ކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިނިވަން ކުރުމާއެކު ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

މި މައްސަލައިގައި ހަމާސް އިން ބުނެފައި ވަނީ އެ ޖަމާއަތުން މަޑުކޮށްގެން ތިބީ އެމީހުންގެ ހުށަހެޅުމަށް އިޒްރޭލުގެ ޖަވާބަކަށް ކަމަށެވެ. އެމީހުންގެ ހުށަހެޅުމުގައި ވަނީ 3 މަރުހަލާއަކަށް 135 ދުވަހަށް ހަމަލާތައް ހުއްޓާލައި ގާޒާއިން އިޒްރޭލު ސިފައިން ފައިބައިގެން ދިޔުމާއެކު ގާޒާ އާރާސްތު ކުރުމަށެވެ. އިޒްރޭލުން އެކަމާ ދެކޮޅު ހަދާ ބުނެފައި ވަނީ، ގާޒާއިން އިޒްރޭލު ސިފައިން ފައިބާނެ އެއްގޮތެއް ނެތް ކަމަށާއި ގާޒާގެ ކޮންޓްރޯލް ދެން އޮންނާނީ އިޒްރޭލަށް ކަމަށެވެ. ނަމަވެސް އެވާހަކަތަކުގެ މައްޗަށް އައި އިތުރު ހުށަހެޅުމެއްގެ ގޮތުގައި އޮތީ، ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ލިސްޓު އިޒްރޭލަށް ދިނުމަށެވެ. އެ ލިސްޓު ނުލިބެނީސް ސުލްހައިގެ ވާހަކައަށް ނުދާނެ ކަމަށް އިޒްރޭލުން ބުނެ ފައިވާ އިރު، ރޯދައިގެ ކުރިން ހަމަލާތައް ހުއްޓާލެވިދާނެ ކަމަށް ކުރިން ކުރެވުނު އުއްމީދު މިހާރުވަނީ ފެނަށް ވެފައެވެ.

އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކުރަމުން ގެންދާ އިރު، ފާއިތުވާ ކޮންމެ 24 ގަޑިއިރަކީ ގާޒާގެ ކުޑިބޮޑު އެތައް ބަޔަކު ޝަހިދުވެގެން ދާ ވަގުތެކެވެ. އިޒްރޭލުން ބޮން އަޅާ މިސައިލް ހަމަލާ ދިނުމުގައި ކުޑަކުއްޖެއް، ބޮޑެއް، އެހީގެ ގާފިލާއެއް ނުބަލައެވެ. އެގޮތުން އިއްޔެ ވެސް ވަނީ އދ ގެ އެހީގެ ޖަމްއިއްޔަ އަންރުވާގެ އެހީގެ ގާފިލާއެއްގައި ހިމެނޭ 16 ޓްރަކަކަށް ހަމަލާ ދީ އެ ޖަމާއަތުގެ އެތައް އޮފިޝަލުންނެއް މަރާލައި އެ ގާފިލާ ގާޒާއަށް ވަނަ ނުދީ ފަހަތަށް ޖައްސާފައެވެ.

އިޒްރޭލުގެ މިއުދުވާނާ ގުޅިގެން ގާޒާއަށް ކާބޯތަކެތި ލިބުން ހުއްޓި އާންމުން ބަނޑަށް މަރުވަމުން ދާ އިރު ފާއިތުވި ދެތިން ދުވަހެއްގެ ތެރޭގައި 15 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 5 މީހަކު ހައިހޫނު ކަމުގައި ވަނީ މަރުވެފައެވެ.

އާބާދީގެ 2 އަހަރުން ދަށުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖަކު މިވަގުތު ތަހަންމަލް ކުރަމުން ދާ ހައިހޫނު ކަމުގެ އިތުރުން އެ ކުދިން ހެދިބޮޑުވުމަށް ބޭނުންވާ ކާނާ ނުލިބި ފުރާނައާ ދަނީ ހަނގުރާމަ ކުރަމުންނެވެ.

ހަނގުރާމަ އަށް 5 މަސް ވެގެން ދިޔަ އިރު އިޒްރޭލުން ވަނީ 30،000 މީހުން ޝަހީދު ކޮށްލާފައެވެ.