އަމާޒަކީ ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިން ހައްލުކުރުމަށް ހުޅުމާލޭގައި ހަދާ ކޯޓު ކޮންޕްލެކްސް ރޯދަ މަސް ނިމުމުގެ ކުރިން ނިންމާ، އެ ކޯޓާ ހަވާލުކުރުން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވީ މިިހާރު ހޯމް ޓީމްގެ އިން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިހްސާން ވިދާޅުވީ ވާނުވާ ބަންދުގައި ރިމާންޑް ޖަލުގައި ތިބެން ޖެހޭ ކަމީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ސަރުކާރުގެ ހުރިހާ ދިމާލެއް ގުޅިގެން އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުކުމެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން މީހުން ޖަލުގައި ތިބުމަކީ އެއީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށާއި އެކަމަށް އެންމެ އަވަސް ހައްލެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ އެގޮތުން އެޓާނީ ޖެނަރަލްގެ އޮފީހުން ރައީސްގެ އެންގެވުމާ އެއްގޮތަށް ބެލްގެ ގާނޫނަށް ގެންނަން ޖެހޭ އަވަސް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށާއި ޖިނާއީ އިޖުރާތުން ގާނޫނުލް އުގޫބާތަށް ގެންނަން ޖެހޭ އިސްލާހުތައް ވާނުވާގައި ގިނަ ދުވަސްތަކެއް ވަންދެން ނުތިބެވޭ ގޮތަށް ގެންނަން ޖެހޭ އިސްލާހުތަކެއް ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.

އިހްސާން ވިދާޅުވީ އެ މައްސަލާގެ އަސްލަކީ ކޯޓުތަކުގައި މައްސަލަ ދިގުލައިގެން ދިއުން ކަމަށްވާތީ ކޯޓުތަކާ ގުޅިގެން މައްސަލަ އަވަސްކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކުރެވުނު މަސައްކަތްތަކުން ކްރިމިނަލް ކޯޓަށް ދިމާވެގެން އުޅޭ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި މިހާރު ސަރުކާރުންވަނީ ހުޅުމާލޭގައި ގާއިމުކުރެވުނު ކޮވިޑް ފެސިލިޓީގައި ކޯޓް ކޮންޕްލެކްސްއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އަމާޒަކީ ރޯދަ މަސް ނިމެންވާއިރަށް އެ ތަން ނިމި، ކްރިމިނަލް ކޯޓާ އެތަން ހަވާލުކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުން ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ މިނިސްޓްރީއިން އިސް ނަގައިގެން ވާނުވާ ކެޓަގަރީގައި ތިބި ހުރިހާ ގައިދީންގެ ތަފްސީލް ބަލަމުންދާ ކަމަށާއި އަދި އެއްވެސް މީހަކީ ލުއެއް ދެވިދާނެ މީހެއްތޯ ބަލާ، ޕީޖީއާއި ކޯޓުތަކާ ގުޅިގެން ލުއިދެވޭނެ ގޮތެއް އޮތްތޯވެސް މިނިސްޓްރީއިން ބަލަމުންދާ ކަމަށެވެ. އަދި މުޖުތަމައުއަށް ނުރައްކަލެއް ނުވާ ގޮތަށް އެކަން ކުރެވެން އޮތް ނަމަ އެކަން ކުރައްވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ ފަދަ ބަންދެއްގައި ތިބީ ބޮޑެތި މާރާމާރީތަކާއި ޓެރަރިޒަމްގެ ކުށަށް ތުހުމަތުކުރެވޭ މީހުންނާއި އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ އެ ފަދަ މައްސަލަތަކުގައި ތިބި މީހުން ކަަމަށެވެ. އަދި އެފަދަ ގިނަ މައްސަލަތަކަކީ ފުލުހުންނަށް އެ މީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާ ވެދާނެ ކަމަށް ގަބޫލުކުރެވިގެން ޝަރީއަތުން އަމުރުކޮށްގެން ރިމާންޑްގައި ބޭތިއްބިފައި ތިބި މީހުން ކަމށްވެސް އިހްސާން ވިދާޅުވިއެވެ.