ދ، މ އަދި ވ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. ކުޑަހުވަދޫއަށް ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދ. އަތޮޅުގެ 2 ރަށާއި މ.އަތޮޅުގެ 4 ރަށަށް އަދި ވ. އަތޮޅުގެ 2 ރަށަކަށް ވަޑައިގަންނަވާނެއެވެ.
ރައީސް އޮފީހުން ބުނީ ރައީސްގެ އެ ދަތުރުފުޅުގައި އެ ތިން އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން މިހާރު ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭގޮތާމެދު މަޝްވަރާކުރައްވައެވެ.
ވެރިކަމާ ހަވާލުވެވަޑައިގެން އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ރައީސް ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި އެންމެ ގިނައިން އެމަނިކުފާނަށް ވޯޓު ލިބިވަޑައިގެން ތ. ގުރައިދޫއަށެވެ. އެއީ މިދިޔަ މަހުގެ 6 ވަނަ ދުވަހެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުގެ އެހެން ރަށްތަކަށް ވަޑައިގެން އެ އަތޮޅުގެ ހުރިހާ ކައުންސިލް ތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
އެއަށްފަހު ރައީސް ވަނީ އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަދި ގއ. ގެ ބައެއް ރަށްރަށަށް ވެސް ޒިޔާރާތް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި އެ ރަށްރަށުގައި މުހިންމު ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ.
އެގޮތުން ހުޅުމީދޫ އަދި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިނާއި ސާވޭގެ މަސައްކަތުގައި މިސްރުގެ ދަ އަރްބް ކޮންޓްރެކްޓާސް ކުންފުންޏަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި ތިނަދޫގައި އިންޓަނޭޝަނަލް އެއާޕޯޓް އެޅުމުގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއި ކުރައްވާފައެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ވަނީ އުތުރުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާފައެވެ. އެގޮތުން ރައީސް ވަނީ ހއ. ހދ. ށ. ނ. ރ އަދި ބ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.
މީގެ ކުރިން ރައީސް ވަނީ ހުރިހާ ކައުންސިލް ތަކާ ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުރިހާ ރަށަކަށް ވަޑައިނުގެންނެވު ނަމަވެސް ބައްދަލުކުރެއްވުމުގެ އިންތިޒާމުތައް ހުންނަނީ ހަމަޖައްސާފައެވެ.