އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސަވައި މި ހަފުތާތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ރ އަދި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތް ކަމަށާއި ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުން ކަމަށެވެ. އެހެންކަމުން އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމަށާއި މި ހަފުތާތެރޭގައި އެކަމުގެ ލިޔެކިޔުން ކައުންސިލާ ހަވާލު ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުގައި އެޅުމަށް ކަނޑައަޅާފައިވާ 40,000 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށްކަމުގައި އޭދަފުށި ހައްދަވާނެ ކަމަށެވެ.

ސަރުކާރުން ތަރައްގީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ އަތޮޅު އޭދަފުށި ކަމަށާއި އޭދަފުށީގެ ތަރައްގީގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ ބައި ގަރުނެއް ހާ އަހަރު ކުރިން މީހުން އުޅުނު މާއްޑޫ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އޭދަފުށީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެހެންނަމަވެސް އޭގެ ފަހުން އެ ރަށް އަމިއްލަ ފަރާތަކަށް ވަރުވާއަށް ދޫކޮށްލުމަށްފަހު 2020 ވަނަ އަހަރުން ފެށިގެން ވަގުތީ ގޮތުން އެ ރަށް ބަލަހައްޓަމުން އަންނަނީ އޭދަފުށީ ކައުންސިލުންނެވެ.