"ހަވީރު" ނޫހަކީ އެ ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ނޫސް ކަމަށްވާ 'ހަވީރު' ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން 2014 ވަނަ އަހަރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.

އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ "ހަވީރު" އަކީ ޖެނުއަރީ 1، 1979 ގައި އެ ނޫސް ހިންގަން ފެށި ފަހުން އުފެއްދި "ހަވީރު ނިއުސް އެޖެންސީ"ގެ ދަށަށް ބަދަލުކޮށްފައިވާ އެ އެޖެންސީގެ މިލްކެއް ކަމަށެވެ. އަދި ހަވީރު ނޫސް އެޖެންސީގެ އާމްދަނީން އެ ބޭފުޅުންނަށް ލިބެންޖެހޭ މިންވަރު ހޯދުމަށާއި އަދި އެ ނޫސް ހިންގުމުގައި އެ ބޭފުޅުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ތިންބޭފުޅުން ވަނީ އެދިވަޑައިގެންފައެވެ.

ފާރޫގާއި ރަޝީދުގެ އެއްވެސް ހިއްސާއެއް 'ހަވީރު'ގައި ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނަމަވެސް ހައި ކޯޓުން ނިންމީ އެ ބޭފުޅުންގެ ހިއްސާ އޮތް ކަމަށެވެ. އަދި އެ ހިއްސާ ހޯދަން ކޯޓަށް ދެވޭނެ ކަމަށް ކަނޑައެޅުމުން އެ ހުކުމާ އެކު ސިވިލް ކޯޓަށް މައްސަލަ ހުށައެޅުމާއެކު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގައި ބުނީ ފާރޫގާއި ރަޝީދުގެ ބައިވެރިވުމެއް ނެތި ހަވީރު ނުހިންގޭނެ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ހަވީރު ނޫސް ބަންދުކުރުމަށް އަމުރެއްވެސް ނެރެފައެވެ.

ދައުވާގައި ނެތް ކަންކަމުގެ މައްޗަށް ހުކުމްކޮށް, ދައުވާގައިވާ ކަންކަމުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިނުވާތީ ހައިކޯޓުން ވަނީ އެމައްސަލަ އަލުން ބެލުމަށް އަމުރުކޮށްފައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރު ނޫހަކީ ޒާހިރު ހުސައިންގެ މިލްކެއް ކަމަށެވެ. އަދި، އެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލުކޮށްފައެވެ.

އެހެންކަމުން އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަންއަށް ހަވީރު ނޫހާއި ޗާޕުހާނާގެ އެއްވެސް ހައްގެއް އޮތް ކަމުގައި ކަނޑައެޅިދާނެ ކަމަށް ނުދެކޭ ކަމަށް ހުކުމުގައިވެއެވެ. އަދި ހަމައެހެންމެ ހަވީރު ނޫސް އެޖެންސީ އާއި އެތަނުގެ މިލްކުގައިވާ ހުރިހާ ފައިސާ އާއި މުދަލުގެ ހަތަރުބައިކުޅަ އެއްބައިގެ ހިއްސާ ފާރޫގާއި ރަޝީދަށް ލިބިގެންވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަށް ދެން ތިއްބެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދު ކުރެއްވިއެވެ.

ހަވީރުގެ ފަރާތުން ކޯޓު މަރުހަލާގައި ބުނެފައިވަނީ ހަވީރު ނޫސް ހިންގުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހޯދައި، ލޯނުތައް ވެސް ނަގާފައިވަނީ ޒާހިރުގެ އަމިއްލަ ނަންފުޅުގައި ކަމަށެވެ. 2016 ވަނަ އަހަރު ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވަނީ ތިން ހިއްސާދާރުން ބައިވެރިކޮށްގެން ހަވީރު ނޫހުގެ ކަންކަން ކުރިއަށް ގެންދަން އެންގުމާ ގުޅިގެން ހަވީރު ހިންގި ޓީމުން ހިންގަމުންދަނީ 'މިހާރު' ނޫހެވެ.