ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ފަންޑުގެ އެހީއާއެކު ބ. ކިހާދޫގައި ގްރީންހައުސް ހައިޑްރޯޕޯނިކްސް ސިސްޓަމެއް، ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ (ކިޑްސް) އިން ގާއިމުކޮށްފިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކިއުކަމްބާ އަދި ލެޓިއުސް ހެއްދުމަށް 4 ހައިޑްރޯޕޯނިކްސް ސިސްޓަމް ވަނީ ގާއިމްކޮށްފައެވެ. ކޮންމެ ސިސްޓަމެއްގައި 180 ސްލޮޓް ހިމެނޭއިރު، އެއްފަހަރާ 700 އަށް ވުރެ ގިނަ ގަސް ހެއްދޭނެއެވެ. ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ އިން ބުނީ މި ޕްރޮޖެކްޓުން ލިބޭ އާމްދަނީ ބޭނުންކުރަމަށް ހަމަޖެހިފައިވަނީ ޖަމިއްޔާގެ ހަރަކާތްތަކަށެވެ.

ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީއާއި ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ ގުޅިގެން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދަނޑުވެރިކަމާ ހައިޑްރޯފޮނިކްސް އާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ޓްރެއިންގް ސެޝަންތަކެއްވެސް ބާއްވާފައެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފް ކުރި ބީއެމްއެލް ސްމޯލް ގްރާންޓް ފަންޑަކީ ތިމާވެށްޓާއި ގުޅޭ އެކި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށީގެ ކަންކަމާ ގުޅޭ ޕްރޮޖެކްޓްތައް ހިންގުމަށް ޖަމިއްޔާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ. މި ފަންޑަށް ހުށަހެޅުނު ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވާފައިވާއިރު މިއިން ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ބީއެމްއެލް އިން ބުނީ މިސްމޯލް ގްރާންޓް އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމަޢުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.