ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށް ހުށަހެޅުމުން ނަގުދު ފައިސާ ލިބޭ ގޮތަށް ވަގުތުން އެޕްރޫވަލް ލިބޭނެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ އެއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.

ކަސްޓަމަރުންނަށް އިންޓާނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކްރެޑިޓް ލިމިޓުގެ ގޮތުގައި ފެންނަ ޖުމްލަ އަދަދާ ހަމަޔަށް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ފައިނޭންސިން އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ ހިދުމަތް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ވަގުތުން އެޕްރޫވްކުރާ ފައިނޭންސިން ފެސިލިޓީ ދޫކުރުމަށް ހަމަޖެހިފައި ވަނީ ބީއެމްއެލް ޕޭރޯލް މެދުވެރިކޮށް ފާއިތުވި 12 މަސްދުވަހު މުސާރަ ޖަމާކޮށް ކްރެޑިޓް ހިސްޓްރީ ރަނގަޅު ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން އިތުރަށް ބުނީ އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ނަގުދު ފައިސާގެ އިތުރުން، މުދަލާއި އެހެނިހެން ހިދުމަތް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ނަގުދު ފައިސާ ލިބޭ ހިދުމަތް ފޯރުކޮށްދެނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރެވޭ އުސޫލެއް ކަމުގައިވާ ތަވައްރުގް (ކޮމޯޑިޓީ މުރާބަހާ) އުސޫލުން ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮސެސް ކުރުމަށް ކުރިން 5 ދުވަސް ނަގާއިރު މިހާރު މަދު ވަގުތުކޮޅެއްތެރޭގައި ކަސްޓަމަރުނަން ބޭނުންވާ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ބީއެމްއެލްއިން ވަނީ ހަމަޖައްސައިދީފައެވެ.