ރ. އުނގޫފާރުގެ ރައްޔިތުން އިގްތިސޯދީ މަސައްކަތްކުރުމަށް އެ އަތޮޅު އުނގުލު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު ރ އަދި ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި އުނގޫފާރަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ކައުންސިލް ބައްދަލުވުމުގައި އެ ރަށަށް ބޭނުންވެފައިވާ ކަންކަން އެ ރަށުގެ ކައުންސިލްގެ ފަރާތުން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި އެއާއެކު ރައީސް ވަނީ ކެމްޕެއިންގެ ތެރޭގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ރައީސް ވިދާޅުވީ އެ ރައްޔިތުންގެ ހެވާ ލާބައަށްޓަކައި އަދި ރަށުގެ ތަރައްގީއަށް ކުރަން ހުރި ވަރަށް ގިނަކަންކަން އެބަހުރި ކަމަށާއި އެ ރަށަކީ ރަށުގެ ރައްޔިތުންގެ އިތުރަށް އެތައް ރަށެއްގެ ރައްޔިތުން އެކި ހިދުމަތް ހޯދާ ރަށެއް ކަމަށެވެ. އަދި އެއީ ސަރަހައްދީ ތަރައްގީއަށް ބަލާއިރުގައިވެސް އިސްކަން ދޭން ޖެހޭ މުހިއްމު ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ސަރުކާރުގެ ސިޔާސަތަކަށް ވަނީ އެ ވިސްނުމުގެ ދަށުން އެ ރަށުގެ ތަރައްގީއަށްޓަކައި ކަންތައްތައް ފަހިކޮށްދިނުން ކަމަށާއި ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެންމެ އިސްކަން ދޭން ޖެހޭ ކަންތަކަށް ބަލާއިރު ގެދޮރުވެރިކަމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި ގެދޮރުވެރިކަމަކީ ރާއްޖޭގެ ގައުމީ ބޮޑެތި މައްސަލަތަކަށް އިސްކަން ދިނުމަށް ފަހު ދެން އިސްކަން ދޭނީ އެންމެ ގިނަ މައްސަލަތަކާ ގުޅިފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި 5 އަހަރު ނިމުމުގެ ކުރިން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށާއި އެކަމަށްޓަކައި މިހާރު ވަރަށް ގިނަކަންތައްތައް އެބަ ހިނގަމުންދާ ކަމަށެވެ. އަދި އެގޮތުން ބޭންކިން ނިޒާމުގެ ތެރެއިން ފަސޭހަ ކަމާއެކު އަނބުރާ ދެއްކޭ ކަހަލަ ލުއި ލޯނު ސްކީމް ތައާރަފްކުރުމަކީ އެންމެ މުހިއްމު ކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާލުވީ އެކަން ހަމަޖެހިގެން ދިއުމުން އެ ރަށުގެ ރައްޔިތުންނާއި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އަމިއްލައަށް އެ މީހެއްގެ ގޯތީގައި ގެދޮރުއެޅުމުގެ ފުރުސަތު ފަސޭހަ ކަމާއެކުގައި އަތްފޯރާފަށުގެ ލޯނު ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ސޯސަލް ހައުސިން ޔުނިޓްގެ މަޝްރޫއުތަކެއް ރަށްރަށުގައި ހިންގުމަށްޓަކައި ފަންޑިންގެ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި ބައެއް ރަށްރަށުގައި އެ މަޝްރޫއުގެ ދަށުން ރޯ ހައުސް އަޅަން ބޭނުންވާއިރު އަނެއްބައި ރަށްރަށުގެ 3 ނުވަތަ 4 ފުލޯއަށް ހުންނަ ފްލެޓް އަޅަން ބޭނުންވާ ކަމަށާއި އަނެއްބައި ރަށްރަށުގައި ވަކި ވަކިން ހުންނަ ގެ އަޅަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ތިން މޮޑަލްގެ ތެރެއިން އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ހައުސިން މަޝްރޫއު ތައް ހިންގުމަކީ ލޯނު ނަގައިގެން ނޫނީ އެކި ކަހަލަ ފައިނޭންސިން ސްކީމްގެ ދަށުން ފައިނޭންސިން ހަމަ ޖައްސައިގެން ކޮށްދެއްވާނެ ކަމެއް ކަމަށާއި އެ މަސައްކަތް ކޮށްދެއްވޭނެ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ އެ ރަށުންވެސް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރަހައްދީ ތަރައްގީއާއި އާބާދީއާ ތަރައްގީ އެއްފަސްކުރުމުގައިވެސް ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގައި ބަލާއިރުގައި ގެދޮރުވެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ ބޮޑަށް އިސްކަން ދޭ ރަށްތަކުގެ ތެރޭގައި އުނގޫފާރު ހިމަނާނެ ކަމަށެވެ.

ރައީސް ވަނީ އުނގޫފާރުގައި ހިންގަމުންދާ މަޝްރޫއުތަކުގެ ތެރެއިން ނުނިމި ހުރުމުން އެ ރަށުގެ ރައްޔިތުންނަށް އުދަނގޫތަކާ ކުރިމަތިލާން ޖެހިފައި ހުރި މަޝްރޫއުތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އުނގޫފާރު ސްކޫލްގެ މަޝްރޫއު ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފެށިގެ ދިގުލައިގެން މިދާ ކަންތައް ނިމުމަކަށް ގެނެސްދީ އެ މަޝްރޫއު ނިންމަދީ އެއް ދަން ފަޅިއަށް ބަދަލުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމަށް 16 ކްލާސް ރޫމް ބޭނުންވާއިރު އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ހަމަ ކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ރަށުގައި އިގްތިސޯދީ އެކި ކަހަލަ މަސައްކަތް ކުރުމަށް ޖާގަ ނެތް ކަމަށާއި މިހާރު ހިއްކާ ބިމުންވެސް އެކަމެއް ނުވާނެ ކަމަށެވެ. އަދި އެހެންކަމުން އުނގުލު ހޯދުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްބަސްވުމެއް ހަދާ އުނގުލު ބަަޔަކާ ހަވާލުކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށާއި އެކަން ކަން ބެލުމަށްފަހު އެކަމެއްގެ ތެރެއިން އުނގުލު ސަލާމަތްކޮށް އުނގޫފާރުގެ ރައްޔިތުން ބޭނުންވާ ގޮތަށް އެ ރަށް ހަވާލުކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިމިގެން ލިބޭ ގެއްލުމަކީ ކުޅިވަރަށާއި ފުޓުބޯޅަޔަށް ވަރަށް ބޮޑު މައްސަަލައެއް ކަމަށެވެ. ހަމަ އެގޮތަށް އެހެން މަސައްކަތްތައް ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ކުޅިވަރާއި އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ދާއިރާއިން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.