މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ މައުދުތައް ފުއްދުމަށް އެކަށީގެންވާ ފުރުސަތެއް، މި އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި އެކުލަވާލާފައި ނުވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް ޖާގަ ދިނުމަށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ބޭނުން ނުވާކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓު އެކުލަވާލުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދެވުމަށް ބޭނުންފުޅުވާ ފައިސާ ބަޖެޓުގައި ހިމެނުއްވުމަށް ލިބިވަޑައިގެންނެވީ 10 ވަރަކަށް ދުވަސް ކަމަށެވެ. އަދި މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ވައުދުފުޅުތައް ފުއްދަން ޖާގަދޭން ބޭނުން ނުވާކަމަށާއި އެހެންކަމުން ބަޖެޓް ފާސްކޮށްފައި ވަނީ ދަތިކުރެވެން އޮތް ގޮތަކަށް ދަތިކުރުމަށް ފަހުގައި ކަމަށެވެ.

ބަޖެޓު އެކުލަވައިލުމުގައި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް އެކަށީގެންވާ ފުރުސަތު މަޖިލީހުން ދީފައި ނުވާކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހިމަނާފައި ވަނީ ވަރަށް ކުޑަ ބަޖަޓެއް ކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް 50 މިލިއަނެއްހާ ރުފިޔާ ހަރަދު ވާއިރު ބަޖެޓުގައި ހިމަނާފައިވަނީ ވަރަށް ކުޑަ އަދަދުތަކެއް ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މިފަދައިން ކުރިމަތި ކޮށްފައިވާ ހުރިހާ ދަތިތަކުން އަރައިގަނެ، ވައުދުތައް ފުއްދޭނެ މަގުފަހިކުރުމަށް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ރ. މީދޫއަށް ވައުދުވެ ވަޑައިގެންނެވި ބިންހިއްކުމުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއު ފެށުމަށް ބޭނުންވާ މިންވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް ނަމަވެސް މިއަހަރުގެ ތެރޭގައި އެ މަޝްރޫއު ފައްޓަވާނެ ކަމަށެވެ.