ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހް އިލްކެޝަންސް ކޮމިޝަނުން ނިންމާފައިވީ ނަމަވެސް އެ ދުވަސް ރަސްމީ ދިވަހަކަށް ހަމަޖައްސާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނުފޫޒުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިރޭ އެމްޑީޕީން ބޭއްވި "ދޮގު ދޮލަނގު" ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހްގެ ވަހާކަފުޅުގައި ވަނީ މަޖިލިސް އިންތިހާބު އެންމެ ފުރަތަމަ ވެސް ރޯދައިގެ ފަސް ނުކުރަން ނިންމައި ރޯދަ މަހު ބާއްވަން ނިންމި ނިންމުން ފާހަގަ ކުރައްވާފައެވެ. މަޖިލީހުން ފާސްކުރި ބިލު ވެސް ރައީސް މުއިއްޒު ތަސްދީގު ނުކުރައްވާ ދިގު ދެންމެވި ގޮތުގެ ވާހަކައަށް ރައިސް ސޯލިހް އަލިއަޅުއްވާލެއްވެވިއެވެ.

ނަމަވެސް ފަހުން އެ ބިލު އަނެއްކާ ވެސް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައި ފޮނުވުމުން ރައީސް މުއިއްޒު ވަނީ އެޓާނީ ޖެނެރަލްގެ ލަފާގެމަތިން އެ ބިލު ތަސްދީގު ކުރައްވާފައެވެ. އެއާއެކު އިންތިހާބު ދެން ބާއްވާނެ ތާރީހަކީ އަންނަ އޭޕްރީލް މަހުގެ 21 ކަމަށް ނިންމާ އެކަން ވަނީ އިލްކެޝަންސް ކޮމިޝަނުން އިއުލާން ކޮށްފައެވެ.

އެ ދުވަސް އިއުލާން ކޮށްފައި ވަނީ އީސީން ކަމުގައި ވިޔަސް އެ ނިންމުމަށް މުއިއްޒުގެ ނުފޫޒު އޮތް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެއީ ސަރުކާރު ބަންދު ނޫން ދުވަހެއްގައި އިންތިހާބު ބާއްވަން ކުރި ކަމެއް ކަމަށާއި މުއިއްޒުގެ ނުފޫޒަށް ތަބާ ނުވުމަށް އީސީއަށް ރައީސް ސޯލިހް ވަނީ ގޮވާލައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، މީގެ ކުރިން މިފަދަ ބޮޑެތި އިންތިހާބުތައް ބާއްވާ އިރު، އެ ދުވަހަކީ ރަސްމީ ބަންދު ނޫން ދުވަހެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ ގޮތަށް ކަން ކުރަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުގައި ބައިވެރިވެވޭނެ އިންތިޒާމްތައް ހަމަޖައްސަން ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މި ހުރިހާ ކަމަކާއެކު ރައީސް ޑރ. މުއިއްޒުގެ މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެހެންކަމުން އެ ސަބަބާ ހުރެ ވެސް ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.