ދިިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލަސް ރަނާ ގޭމު ކަމުގައިވާ "އަތޮޅު ދުވުން" ގޭމުން އެއްވަނައަށް ދާ ފަރާތަކަށް އުރީދޫ މޯލްޑިވްސްގެ ފަރާތުން ދެމީހުންގެ އުމްރާ ދަތުރު ލިބޭނެކަމަށް އިއުލާނުކޮށްފިއެވެ.

މާރިޗު މަހު އޮންނަ މި ދުވުމުގެ ޕާޓްނަރަކީ ގިބްލަ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑެވެ. މިޕާޓްނާޝިޕުގެ ދަށުން އުރީދޫއާއި ގުޅިގެން މިމަހުގެ ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް (ދެމީހަކަށް) ލިބިގެންދާނެއެވެ. ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗާ ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެޕަލް އެޕްސްޓޯ އަދި ގޫގުލް ޕްލޭސްޓޯ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ. މިގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެކަމަށާއި އަންލޮކް ވެގެންދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެމަހަކުކަންވެސް އުރީދޫއިން ވަނީ ބުނެފައެވެ.

ކަލަންޑަރުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެކަމަށާއި މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އުރީދޫ މޯލްޑިވްސްގެ އެންމެ ފުރަތަމަ އިސްތިހާރު ކަމަށްވާ "ހަސަނަށް ފޯނެއް"ގެ ދަތުރުގައި ކޮންމެ މަހަކު ލެވްލްއެއް އަންލޮކް ވެގެން ދާނެކަމަށާއި، ގޭމްގެ އަޕްޑޭޓު މާޗު 1 ގެ 12:00 އިން ފެށިގެން ލިބޭނެކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ. އަދި ގޭމްގެ ތެރެއިން ބޯނަސް ޑޭޓާ އަދި މޫލީ ވައުޗާ ލިބުމުގެ ފުރުސަތުވެސް މިމަހު ލިބިގެންދާނެކަމަށްވަނީ ބުނެފައެވެ.