މަޖިލިސް އޮތީ ރައްޔިތުންގެ ހެވާ ލާބައަށްކުރާ ކަންކަންވެސް ހުއްޓުވޭގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގަ ނ. ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ބައްޓަންކޮށްފައި އޮތް ގޮތުން ހުރިހާ ކަމެއް ކުރުމުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެން ޖެހެނީ ރައްޔިތުން މަޖިލީހުގެ ތެރެއިން ކަމަށާއި ސަރުކާރުން ކިތަންމެ ބައިވަރު މަސައްކަތްތަކެއް ރައްޔިތުންގެ ހެވާ ލާބައަށްޓަކައި ކުރަން އުޅުނަސް ހުއްޓުވުމުގެ ފުރުސަތު ހުރަސް އެޅުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އަދި އެކަމުގެ ހަގީގީ މިސާލެއްގެ ގޮތުގައި ރައީސް ވަނީ މި އަހަރަށް ފާސްކުރި ބަޖެޓް ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ހޮވިއިރު ބަޖެޓު ނުހަދާ އަދި ފާސްވެސް ނުކުރާ ކަމަށާއި އެހެންނަމަވެސް އެ ބަޖެޓު ފާސްކުރީ އޭރުގެ ސަރުކާރުން ކަމަށެވެ. އަދި ބަޖެޓަށް ކަންކަން ހުށަހަޅަން ލިބުނު 10 ދުވަސް ތެރޭގައި ހުރިހާ ވައުދެއް ފުއްދަން އުމްރާނީ އަދި އިޖްތިމާއީ ތަރައްގީގެ ހުރިހާ މަޝްރޫއުތައް ހުށަހެޅުއްވި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަޖެޓު ފާސްކުރީ އެ ބޭފުޅުން ބޭނުންވި ގޮތަކަށް ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން އުނިކޮށް ބައެއް ކަންކަން ހިމެނުމަށް ފަހު ކަމަށާއި ހަގީގީ ޑިމޮކްރަސީއެއްގައި ޒިންމާ ދާރު ރައްޔިތުން މަޖިލީހެއްގައި ސަރުކާރުން ހުށަހެޅި މަޝްރޫއުތަކަށް އިސްކަން ދީގެން ނިމިގެންދާ ސަރުކާރުން ޖާގަ ދޭން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަން ވީ އެގޮތަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަޖެޓު ފާސްކުރީ ބައެއް މަޝްރޫއުތައް އުނިކޮށްފައި ކަމަށާއި އަދި ހިނގަމުންދާ މަޝްރޫއުތައް ނުނިންމޭ ވަރަށް ކުދި ކުދި އަދަދުތަކުން ފައިސާ ޖަހާފައިގެން ކަމަށެވެ. އަދި އެއީ ދުވަހަކުވެސް ރާއްޖޭގައި ނުކުރާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ހެވާ ލާބައަށާއި ރާއްޖޭގެ ތަރައްގީއަށް ފާސްކުރަން ބޭނުންވާ އެކި ކަހަލަ ގާނޫނުތައް ފާސްކުރުމުގައި ހުރަސް އެޅޭނެ ކަމަށެވެ. އަދި އެންމެ މުހިއްމު ކަންތަކަކީ ގެދޮރުވެރިކަން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގެދޮރުވެރިކަމަށް ދާއިމީ ހައްލެއް ގެންނަނަމަ ގާނޫނުގެ ތެރެއިން ގިނަ ގާނޫނުތަކެއް ފާސްކުރަން އެބަހުރި ކަމަށެވެ.
އެކަންކަން މެނިފެސްޓޯގައި ހިމަނައިގެން ހުށަހަޅަމުންދާ ކަމަށާއި އެ ރައްޔިތުން މަޖިލީހަކީ އެ ވިސްނުމުގައި ރައްޔިތުން ހޮވި ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނުމުގައި އެއްބާރުލުން ދޭ ވިސްނުމުގައި ނެތް މަޖިލީހެއް ކަމަށްވާ ނަމަ އެ މުހިއްމު މައްސަލާގައިވެސް ނިމޭނީ އެ ބޭފުޅުން ނިންމި ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.