ރަމަޟާން މަހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ޖެހޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލު އަނބުރާ ފޮނުވާލުމުން ވެސް، އެއްވެސް މާއްދާއެއް ބަދަލުނުކޮށް ދެވަނަ ފަހަރަށް ވެސް ފާސްކޮށްފިއެވެ.
އިތުރު ބަދަލެއް ނުގެނެސް، އެ ބިލު ފާސްކުރީ ވޯޓުދެއްވި 61 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 14 މެންބަރަކު ވޯޓު ދެއްވިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ހުށަހެޅުއްވީ މެންބަރުންގެ އަމިއްލަ މަސްލަހަތު އިސްކުރައްވާފައި ކަމަށް ވިދާޅުވެ އެ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް އަނބުރާ ފޮނުވާލައްވައިފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ފާސްކޮށް، 12 ވަނަ ދުވަހު ތަސްދީގުކުރުމަށް ރައީސަށް ފޮނުވި ބިލު އަނބުރާ މަޖިލީހަށް ރައްދުކުރެއްވި ސަބަބުތައް ކަމުގައި ރައީސް ވިދާޅުވީ:
- މިހާރު ބިލު އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް އާންމުކުރާ އިރު، ހުރިހާ އައިޑީކާޑު ނަންބަރު އާންމުވުމަކީ ޒާތީ ބޮޑު މައުލޫމާތެއް އާންމުވުން ކަމަށް ވުން
- ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގައުމުގެ މަސްލަހަތާ އެއްގޮތަށް އަމަލުކުރަން ބަޔާންކޮށްފައިވީ ނަމަވެސް، މި ހާލަތުގައި އިންތިހާބު އޮންނަ ތާރީހު ބަދަލުކުރަން ބޭނުންވަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތު އިސްކޮށްފައި ކަމަށް ވުން
- އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަކީ އިންތިހާބާ މެދު އޮތް އިތުބާރު ގެއްލޭނެ ކަމަކަށް ވުން
- އީސީން ކަނޑަޅާ "ފޯކަލް ޕޮއިންޓު"ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު، އެ ފޯކަލް ޕޮއިންޓު އައްޔަނުކުރާ ގޮތެއް ބިލުގައި ބަޔާންވެފައި ނެތުން
- ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި، މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ޖެހުންނަމަވެސް އިންތިހާބު އޮންނަ ތާރީހު ރޯދައިގެ ފަހަށް ބަދަލުކޮށްފި ނަމަ އިންތިހާބުގެ ހުރިހާ ކަންކަން އެ މުއްދަތުގެ ތެރޭ ނިންމާނުލެވުމުގެ ފުރުސަތު އޮތުން
ރައީސް ވިދާޅުވީ، މި ބިލު މަޖިލީހަށް އަނބުރާ ފޮނުވާލަން ނިންމެވީ ބަންޑާރަނައިބު އަހްމަދު އުޝާމްގެ ލަފާގެ މަތިން ކަމަށެވެ. އަދި މި ދެންނެވި މާއްދާތައް އިސްލާހުކޮށް އަލުން އެ ބިލު ފޮނުވުމާ މެދު މެންބަރުން ވިސްނާވަޑައިގަތުމަށް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވެއެވެ.
މަޖިލީހުގެ އަމީންއާންމު ރައީސްގެ ސިޓީފުޅު އިއްވަވައި ނިމުމުން، ރިޔާސަތުން ވަނީ މިކަމާ މެދު ބަހުސްކުރުމަށް ފުރުސަތު ހުޅުވާލައިފައެވެ. އެ ފުރުސަތުގައި ބިލު އޮތް ގޮތަށް އަލުން ފާސްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ ހުށަހެޅުއްވުމުން، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފައެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުން ފާސްކޮށްފި ނަމަ، އެ ބިލެއް ތަސްދީގުކޮށް ގެޒެޓުގައި އާންމުކުރަން ރައީސަށް މަޖުބޫރުވާނެއެވެ.