ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅު ތެރެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ކިޔަން އެންމެ ގިނަ ބަޔަކު ނިކުތީ ށ. ފުނަދޫއިންކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވައިފިއެވެ.
އެކަން ފާހަގަކުރައްވާ ރައީސް ޝުކުރުއަދާކުރައްވާފައިވަނީ މިއަދު ފުނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިއްޔެ އިރުއޮއްސެނިކޮށް އެރަށަށް ވަޑައިގެނެވުނު ވަގުތަކީ ވަރަށް ވިއްސާރަވެފައިވާ ވަގުތެއް ކަމަށާއިތީ އެހެންނަމަވެސް އެ ރަށުގެ ރައްޔިތުން ނިކުމެ ވަޑައިގެން ކިޔުއްވި ހޫނު މަރުހަބާއަށް ހިތުގެ އެންމެ ފުންމިނުން ފުނަދޫގެ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދަތުރުތައް ފައްޓަވައިގެން ގިނަ ރަށްތަކަށް ދެވުނުއިރު ކަމަށާއި އެހެންނަމަވެސް އެ ރަށުން ކިޔުއްވި ހޫނު މަރުހަބާއަކީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންތަކެއް ނިކުމެ ކީ މަރުހަބާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ އިންތިހާބުގައިވެސް އެ ރަށުން އެހާބޮޑު އިތުބާރެއް ކުރައްވާ، ތާއިދު ދެއްވިކަން ފާހަގަކުރައްވާ އެކަމަށްޓަކައިވެސް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ގިނަ ގުނަ މަސައްކަތް އެބަހުރި ކަމަށާއި ކެމްޕެއިން ތެރޭގައި ދެ ފަހަރެއްގެ މަތިން އެ ވާހަކަ ދެކެވުނު ކަމަށެވެ. އަދި ގިނަ ވައުދުފުޅުތައްވެސް ވެވަޑައިގެންނެވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަންކަން ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.
ރަށް ހިމާޔަތްކުރުމަށްޓަކައި ފަށާފައިވާ މަސައްކަތުން ރަށުގެ ދެމެހެއްޓެނިވި ތަރައްގީއަށް މުހިއްމު ކަމެއް ކަމަށްވުމުން އެ ކަހަލަ މަޝްރޫއުތަކުންގޮސް އުމްރާނީ ތަރައްގީގެ ރޮނގުން، މަގު ހެދުމާ އެއާޕޯޓުގެ މަސައްކަތްތައް ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ހުރިހާ ކަމަކަށް ހަގީގީ ސިފަ ގެނެސްދެއްވާނެ ކަމަށާއި ނަތީޖާ ނެރެދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ހޮސްޕިޓަލަކީ މިހާރު އެންމެ މުހިއްމު އެއް ކަމަކަށް ވެގެންދާނެ ކަމަށްވުމުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ކަނޑައަޅާ ހިދުމަތުގެ ގޮތުންނާއި އިމާރާތާއި މުވައްޒަފުންގެ އަދަދުގެ ގޮތުންވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި އެއާޕޯޓްގެ ޖާގައިތުރުކުރުމާއި ހިދުމަތް ރަނގަޅު ކުރުމާއި ޕްލައިޓްތައް އިތުރުކުރުން ފަދަ ގިނަ ގުނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށާއި ރައްޔިތުން އެދޭ ގޮތަށް އެ އެއާޕޯޓް ބޮޑު ކޮށްދީ ތަރައްގީކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ފުޅާކުުރުމަށްޓަކައި ވައުދުވެވަޑައިގެންނެވި ގިނަކަންތަކެއް ހުންނާނެ ކަމަށާއި އެގޮތުން ފަރޮކޮޅުގައި އިކޯ ޓޫރިޒަމް މަޝްރޫއެއް ކުރިއަށް ގެންދިއުމާއި އެ އަތޮޅުގެ ހުރި އެހެން ކަންކަމަށް ބޭނުންކުރާ ރީތި ރަށްތަކުގައިވެސް ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށެވެ. އޭރުން ޒުވާނުންނަށާއި ހުރިހާ ރައްޔިތުންނަށްވެސް އާމްދަނީ އިތުރުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށާއި އެއާޕޯޓް އިތުރަށް ތަރައްގީކުރުމާ ގުޅިލާމެހުމުން ދެކަންތައްއެކު އެކީގައި ކުރިއަށްދިޔައުމުން ރައްޔިތުންނަށް އެކަމުން ނަފާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަށުގެ ބަނދަރުގެ މަސައްކަތްތަކާއެކީގައި ބިން އިތުރުކުރުން މިހާރު މަޝްރޫއުގައި ސޮއިކުރެވިފައިވީ ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ނުހިނގާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވައުދުވެވަޑައިގެންނެވި ގޮތަށް އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް ބޮޑުކޮށް، ބިން އިތުރުކޮށް ބަނދަރު ރަނގަޅު ފެންވަރަކަށް ހަދެމާއެކު ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުމަކީ އެކު އެކީގައި ގެންދަން ޖެހޭ ކަންތައްތައް ކަމަށާއި އެ ވިސްނުމުގައި ފުނަދޫގެ ރައްޔިތުންގެ ތަރައްގީއަށްޓަކައި އެކަންކަން ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކުޅިވަރުކުޅުމަށް އެކި ކަހަލަ ވަސީލަތްތައް ގާއިމުކުރުމާއި ސްކޫލްގެ ހިދުމަތްތައް ރަނގަޅުކުރުމާއި ސްކޫލްގެ ޖާގައިތުރުކުރުން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އެ ހުރިހާ ކަމެއްގައިވެސް ވައުދުވެވަޑައިގެންނެވި ގޮތަށް ސަމާލުކަންދެއްވާނެ ކަމަށާއި އެއްވެސް ކަމެއް ހަނދާން ނައްތާލައިގެން ރައްޔިތުންނަށް އޭގެ ނާއުންމީދުކަން އަންނާކަށް ޖާގައެއް ދޭކަށް ބޭނުމެއް ނުވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެންވެސް އިގްތިސޯދު ކޮޅަށް ޖަަހަން މަސައްކަތް ނުފަށާ ބޭއްވިނަމަ މިއަދު ވައުދުތައް ފުއްދާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ރައީސް ވިދާލުވިއެވެ.