ރަޝިއާއިން ޔޫކްރައިނަށް އެރިތާ 2 އަހަރު ވެގެން ގޮސްފައި ވާ އިރު، ރަޝިއާއިން ދަނީ ހަނގުރާމައިގައި ކުރި ހޯދަމުންނެވެ. ދާދިދަހުން ޔޫކްރައިންގެ އުތުރުގެ 2 އަވަށެއް ރަޝިއާއިން ހިފާފައި ވާ އިރު، ޔޫކްރައިނުން ގެންދަނީ ރަޝިއާ ހުއްޓުވުމުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ ތާއީދު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޔޫކްރައިން އިން ހުށަހަޅާ ސުލްހައިގެ ޕްލޭނާއިގެން އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ސައުދީ އަރަބިއްޔާ އަށް ދަތުރެއް ކުރައްވާފައި ވާ އިރު އޭނާ ވަނީ ސައުދީ ވަލިއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި އެކަމުގައި ސައުދީއަށް އަދާކުރެވިދާނެ ދައުރާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސައުދީ އަކީ ބައިނަލްއަގުވާމީ އެފަދަ ހަމަނުޖެހުންތަކުގައި ގަތަރެކޭ އެއްގޮތަށް ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާ ކުރާ ގައުމަކަށް ވާ އިރު، ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުމަށް މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް މީގެ ކުރިންވެސް ބުނެފައި ވާ ގައުމެކެވެ.

ޒެލެންސްކީ، މުހައްމަދާ ބައްދަލު ކުރައްވައި ޔޫކްރައިންގެ ޕްލޭން ހުށަހަޅުއްވައި ވިދާޅުވީ، ހަނގުރާމަ ހުއްޓުވައި ސުލްހަ ގާއިމު ކުރުމުގައި ސައުދީއަށް 'ގޮތެއް' ހޯދޭނެ ކަމަށެވެ. ސައުދީ އަކީ ތެޔޮ އުފައްދާ ގައުމުތަކުގެ މެދުގައި ރަޝިއާ ހިމެނޭހެން ގާއިމުކޮށްފައި އޮންނަ އޯޕެކް ޕްލަސްގެ ލީޑަރުވެސް މެއެވެ.

މި ދަތުރާ ގުޅިގެން ސައުދީން ބުނެފައި ވަނީ، ރަޝިއާ އާއި ޔޫކްރައިން ސުލްހަ ކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެއީ ސައުދީން އިސްކަންދޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ޔޫކްރައިނުން ހުޅަނގަށް ބަރޯސާވެ ހުޅަނގުގެ މަދަދު ހޯދަމުން ގެންދާ އިރު، މިވަގުތު ޔޫކްރައިނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ މިންވަރަށް ހަތިޔާރާއި ފައިސާ ނުލިބުމެވެ. ޔޫކްރައިނަށް އަސަކަރީ ގޮތުން އެހީތެރިވުމަށް އެމެރިކާއިން 60 ބިލިއަން ޑޮލަރުގެ ޕެކޭޖެއް މިފަހުން ތައާރަފުކޮށް ހަތިޔާރު އުފެއްދުމަށް އެކިއެކި ކުންފުނިތަކާ ހަވާލު ކޮށްފައި ވީ ނަމަވެސް، މިވަގުތުން ވަގުތަށް ބޭނުންވާ މިންވަރަށް ވެސް ޔޫކްރައިންގައި ހަތިޔާރު ނެތް ކަމަށް ހުޅަނގާއި ޔޫކްރައިނުން ބުނެއެވެ.

ޒެލެންސްކީ ސައުދީއަށް ވަޑައިގެންނެވި މިވަގުތުގައި ޔޫކްރައިނަށް މަދަދުދޭ ނޭޓޯ އިން ގެންދަނީ އަސްކަރީ ގޮތުން ޔޫކްރައިނަށް އެހީވުމަށް އިތުރު އާލާތްތައް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެއީ ހަމައެކަނި އަސްކަރީ އާލާތްތައް ކަމަށާއި ޔޫކްރައިންގެ ސިފައިންނާ އެކު ނޭޓޯގެ ސިފައިން އަމަލީ ގޮތުން ބައިވެރި ނުވާނެ ކަމަށް ނޭޓޯ އިން ވަނީ ބުނެފައެވެ.

ހުސްވި ހަފްތާގެ ތެރޭގައި ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ޖަލުގައި މަރުވި ހާދިސާ އާ ގުޅިގެން އެމެރިކާއިން ރަޝިއާއަށް ދަތިކުރުމުގެ އިތުރު 500 ފިޔަވަޅެއް އަޅާފައި ވީ ނަމަވެސް ރަޝިއާގެ އިގްތިސޯދު ވަނީ 3 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައެވެ.

ހުޅަނގާއި އެމެރިކާގެ ބޭނުމަކީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އިގްތިސޯދީ ގޮތުން ދަތިކޮށް މާލީ މުއާމަލާތްތަކން ރަޝިއާ އެކަހެރި ކުރުން ނަމަވެސް އެކަން 2 އަހަރު ވީއިރުވެސް ކާމިޔާބެއް ނުވެއެވެ. ސައުދީ ފިޔަވައި އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ އެއް ގައުމަކީ ރަޝިއާ ކަމަށް ވާއިރު ދަތިކުރުމުގެ ފިޔަވަޅުތަކާ އެކުވެސް ރަޝިއާގެ ތެޔޮ ޔޫރަޕަށް ފޮނުވައެވެ.

ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސޯދުތައް ކަމަށް ވާ، ޗައިނާ އާއި އިންޑިއާ އަދި ދުނިޔޭގެ އެންމެ ބޮޑު ބައްރު ކަމަަށް ވާ އެފްރިކާ ފަދަ ސަރަހައްދު ތަކަށް އިމްޕޯޓް ކުރާ ތެލުގެ މިންވަރު އެތައް ގުނައެއް އިތުރު ކޮށްފައި ވުމަކީ، އެމެރިކާ އާއި ހުޅަނގުން އަޅާ ފިޔަވަޅުތަކުގެ އަސަރު ރަޝިއާ އަށް ކުރާ މިންވަރު ކުޑަވެފައި ވާ ސަބަބެކެވެ.

ހަނގުރާމަ ފެށިފަހުން ޔޫކްރައިންގެ 5 ސަހަރައްދެއް ރަޝިއާއިން ހިފާފައި ވާ އިރު، އެ 5 ސަރަހައްދަކީ މުޅި ޔޫކްރައިންގެ ބިމުގެ 27 ޕަސެންޓެވެ.