އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން އެދޭ ބަދަލުތައް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. ފުނަދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށްޓަކައި މަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވެފައިވާ އޮތް މައްސަލައަކީ ވަރަށް އިސްކަން ދޭން ޖެހޭ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނުތަކަށް ބަދަލު ގެނެސްގެން އެ ކޮމިޓީތަކުގެ މެންބަރުން އެ ކުރާ މަސައްކަތަށް ދޭ އެލަވަންސް، މުސާރައަކަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެހެން މުވައްޒަފުން ފަދައިން ޗުއްޓީއާއި ރޯދަ މަހުގެ އިނާޔަތާއި އެހެނިހެން އިނާޔަތްތައް އެ ކޮމިޓީތަކުގެ މެންބަރުންނަށް ލިބޭނެ ގޮތް ހެދުމަށް ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ކޮމިޓީތަކަށް ދޭ 5 ޕަސެންޓަކީ ތަރައްގީއަށްޓަަކައި ހަރަކާތްތަކަށް ހާއްސަ ކުރެވޭ އެއްޗަކަށް ހަދަން ޖެހޭ ކަމަށާއި އެ މެންބަރުންނަށް ދޭ މުސާރައަކީ ވަކި ބަޖެޓަކުން ދޭ އެއްޗެއްގެ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެގޮތަށް ބަދަލުކުރުން އެމަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ކޮމިޓީތަކަށް ހަގީގީ މާނާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަކީ ގާނޫނަށް ބަދަލު ގެނެސްގެން ކުރެވޭނެ ކަމެއް ކަމަށާއި ސަރުކާރުގެ ވިސްނުމުގައި މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއެއް އޮތުމަކީ އެ ކަހަލަ މުހިއްމު ކަންކަން ކުރުމުގައި ފަސޭހަ ކަމަކަށް ވެގެންވާނެ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށްދޭ ރައްޔިތުންގެ މަޖިލީހެއް އޮވެއްޖެ ނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ހުރިހާ ކޮމިޓީ ތަކުން އެދެމުންދާ ހުރިހާ ކަމަކީ ގާނޫނުގެ ތެރެއިން ކުރެވޭނެ ކަންކަން ކަމަށް ވިދާޅުވެ ރައީސް ވަނީ އެކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ހުރިހާ ދާއިރާއެއްގައި ކަންކަން ކުރުމަށް ގާނޫނުތައް ހެދުމުގެ މަސްކަތްތައް ވެސް ބާރު ސްޕީޑްގައި ދާނެ ކަމަށާއި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ބިލްތައް މިހާރުވެސް ޑްރާފް ކޮށް ފޮނުވަމުން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ގެދޮރުވެރިކަމުގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކުރާނަމަ ހަދަންޖެހޭ ގާނޫނުތަކެއް އެބަހުރި ކަމަށާއި އެގޮތުން ތަރައްގީ ވެފައި ހުރި ގައުމުތަކުގައި އަމަލުކުރަމުން ދާ މުހިއްމު ގާނޫނުތަކަށް އަލިއަޅުވާލެއްވިއެވެ. އަދި އެ ހުރިހާ ގާނޫނުތަކެއް ފާސް ކުރެވޭނީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ރައްޔިތުން އެދޭ ކަންކަން ހާސިލް ކޮށްދޭނެ މަޖިލީހަކުން ކަމަށް ވިދާޅުވިއެވެ.