މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ސްރީލަންކާ އަށް އެއާ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ސަރުކާރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ހޭދަކުރާ ވަގުތު ކުޑަކުރުމަށް މަޝްވަރާ ކުރައްވާފައެވެ.
މި މަޝްވަރާތަކަށް ފަހު އެއްބަސްވެފައި ވަނީ ދިވެހިރާއްޖެ އިން ސްރީލަންކާ އަށް އެއާ އެންބިއުލާންސް އަދި އެނޫންވެސް އެމަޖެންސީއެއްގައި ފްލައިޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ ހުރިހާ ހުއްދައެއް ގިނަވެގެން 2 ގަޑިއިރުގެ ތެރޭގައި ހަމަޖެއްސުމަށެވެ. މިގޮތުން، މިކަން ކުރުމުގެ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި، ސްރީލަންކާގެ ސަރުކާރުން މިހާރު ވަނީ ހަމަޖައްސައި ދީފައެވެ.
މީގެ ކުރިން ރާއްޖެއިން ލަންކާއަށް ބަލިމީހުން އުފުލުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް މަދުވެގެން 6 ގަޑިއިރާ 24 ގަޑިއިރާ ދެމެދު ގެ ވަގުތެއް ހޭދަވެއެވެ.
ދިވެހި ރައްޔިތުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަކަމެއް ދެއްވާ ސިޔާސަތަކެވެ. އެހެންކަމުން މިއީ އެމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލިމީހުން ގެންދިއުން އަވަސްކޮށްދިނުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
އެއާ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކޮށް އެ ހިދުމަތް ފުޅާކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު އަންނަ މަހުގެ 1 ވަނަ ދުވަހު އެ ހިދުމަތް ތައާރަފް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް ޑރ. މުއިއްޒުގެ ތަސައްވުރަކީ ރާއްޖެ އާއި ރާއްޖެއިން ބޭރަށް އެއާ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސުން ކަމުގައި ވާއިރު ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއާ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.