ފެހުމުގެ މަސައްކަތަކީ އައްޑޫ ސިޓީ ހިތަދޫ ވައިޓްޓާން އާމިނަތު ޝިހާބު (އާންތު)، ހޮބީއެއްގެ ގޮތުގައި ފެށި މަސައްކަތެކެވެ. އެންމެ ކުޑައިރުއްސުރެ ގޭގައި ހުންނަ ފަހާ ފޮށިން ފެހުމަކީ އޭނާ ޝައުގުވެރިވި ކަމަކަށްވިއެވެ. ފެހުމުގެ މަސައްކަތަށް އުފެދުނު ޝައުގާއެކު އާންތު އެ މަސައްކަތް ދަސްކުރީ އެއްވެސް މީހެއްގެ ގާތުން ދަރިވަރުވެގެނެއް ނޫނެވެ. އަމިއްލައަށް އެ މަސައްކަތަށް ވަގުތާ، ހިތް ހުސްކޮށްލިއެވެ.
ފެހުމުގެ މަސައްކަތް ދަސްކުރުމުގެ ގޮތުން އާންތު އެންމެ ފުރަތަމަ ކުރި ކަމަކީ ހެދުން ކުރެހުމާ ޑިޒައިންކުރުމެވެ. އެއަށްފަހު މަޑުމަޑުން ހެދުން ކަނޑައިގެން ފަހަން ފެށީއެވެ. އެންމެ ފުރަތަމަ ހަރުފަތުގައި އޭނާގެ 'ޓެސްޓު' ހެދުންތައް އާންމުވީ އާއިލާ މީހުންނާ ރަހްމަތެރިންނަށެެވެ. އެމީހުން ގަޔަށް ހެޔޮވަރުކޮށް ފަހަން ފެށި ހެދުމާއެކު އާންތުއަށް މަސައްކަތުގެ ގިނަ ތަޖުރިބާތައް ލިބިގެން ދިޔައެވެ.
އެއްވެސް ތަޖުރިބާއެއް ނެތި އަމިއްލައަށް ފެހުމުގެ މަސައްކަތް ފެށި އާންތުއަށް ދަސްވި އެއްޗެހި އެހެން ބަޔަކަށް ދަސްކޮށްދޭން އާންތު ބޭނުންވިއެވެ. އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތަކަށް އަބަދުވެސް ވަކާލާތުކުރާ އާންތު އެންމެ ފުރަތަމަ ކޯސް ހިންގުމަށް ފަހާތަނެއް ހުޅުވުމުގެ މަސައްކަތް ފެށީ އެކަންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބުރަކަން އެގިހުރެއެވެ.
2011 ވަނަ އަހަރު އައްޑޫ ސިޓީގައި އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްގެން ހިންގަން ފެށި 'ޑޭއިސް ސްޓިޗެސް' ވެގެން ދިޔައީ އާންތުގެ މަސައްކަތުގެ ހަގީގީ ފެށުންކަމުގައެވެ. އެ ފަހާތަނުގެ ހުރިހާ މަސައްކަތެއް އޭރުކުރީ އާންތުއެވެ. މަސައްކަތް ފެށުމަށް ގެނައި އެންމެ ތިން ފަހާ ފޮއްޓާއެކު ކޯހެއް ފެށުމުގެ ހުއްދައަށް ޔޫތު މިނިސްޓްރީގައި އާންތު އެދުނީ ވީހާވެސް ރަނގަޅަށް އެކަން ކުރުމުގެ ބޭނުމުގައެވެ. އެ ހުއްދައަށް އެދުމުން ޒުވާނުންގެ މަރުކަޒު މެދުވެރިކޮށް ޔޫތު މިނިސްޓްރީގެ ސިލަބަހެއް ލިބުމާއެކު ދެން އާންތު ކުރި މަސައްކަތަކީ އެ ސިލަބަހާ އެއްގޮތަށް އަމިއްލަ ފިލާވަޅުތައް ތައްޔާރު ކުރުމަށް މަސައްކަތެވެ.
" އެގޮތުން ޑިޒައިން ފޮތްތައް ހޯދައިގެންނާ އިންޓާނެޓުން ބަލައިގެން ފިލާވަޅުތަކެއްގެ ގޮތުގައި ސިލަބަހެއް ހެދީ. އަދި އިނގިރޭސިބަހުން ހުރި އެއްޗެހި ދިވެހިބަހަށް ބަދަލުކުރީ. އެގޮތަށް ހެދުމުން އިނގިރޭސި ނުދަންނަ މީހާއަށްވެސް ކޯސްހެދުމުގެ ފުރުސަތު ލިބިގެންދިޔަ.”އާންތުގެ ފަހާ ކޯސްތައް ފެށުމަށް އެންމެ ފުރަތަމަ ކުރަންޖެހުނު މަސައްކަތް އޭނާ ކިޔައިދިނެވެ.
އާންތުގެ ވަރުގަދަ އަޒުމާ ގަދަ ހިތްވަރާއެކު ފުރަތަމަ ހިންގި ކޯހުން ލިބުނު އާމްދާނީ އޭނާ އިންވެސްޓްކުރީ ތަން ތަރައްގީ ކުރުމަށެވެ. އެއީ އޭނާގެ މަސައްކަތް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. މިހާރު އޭނާގެ ފަހާތަނުން ކޮންމެ މުނާސަބަތަކަށް ކޮންމެ ކަހަލަ ހެދުމެއް ވެސް އެއްވެސް އުނދަގޫކަމެއް ނެތި ފެހޭނެއެވެ.
މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު، މަސައްކަތްކުރުމަށް މީހުން އެބަތިއްބެެވެ. ފެހުމުގެ ބުރަ މަސައްކަތާއެކު ފަހަން ދަސްކުރަން ބޭނުންވާ މީހުންނަށް ކޯސް އާންތު ހުއްޓާނުލައެވެ. އާންތު ބޭނުންވަނީ އޭނާއަށް ދަސްވި މަސައްކަތް ވިހާވެސް ގިނަ ބަޔަކަށް ދަސްކޮށް ދެވޭތޯއެވެ. މިހާރުވެސް އުފަން ރަށުގައި އަންހެނުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދިނުމަށް އާންތު ހިނގާ ކޯސްތަކަކީ ވަރަށް ކާމިޔާބު ކޯސްތަކެކެވެ.
އާންތުގެ ދިރިއުޅުމުގެ ގިނަ ވަގުތު ފެހުމަށް ހުސްކޮށްލި ނަމަވެސް، އިޖްތިމާއީ މަސައްކަތަށް އާންތު އަބަދުވެސް ވަގުތު ހޯދައެވެ. ރަށުގައި ކުރެވޭ ކޮންމެ އިޖްތިމާއީ މަސައްކަތެއްގައި އާންތުގެ ހިއްސާ ބޮޑުވުމުގެ ނަތިޖާއަކަށްވެގެން ދިޔައީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2 ދައުރު ފުރިހަމަކުރުމެވެ. އެ ކޮމިޓީގެ ނައިބު ރައީސާގެ މަގާމު އަދާކުރުމެވެ.
މިހާރު ބަލިހާލަތު ހުރި ގޮތުންނާ، ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތުން އިޖްތިމާއީ މަސައްކަތަށް ކުރިން ދެމުން އައި ވަގުތު ނުދެވުނު ނަމަވެސް އެއީ އަދިވެސް އާންތު އެންމެ ކުރަން ބޭނުންވާ މަސައްކަތެވެ. އެއްވެސް އަގެއް ނެތި ރަށުގެ ތަރައްގީއަށްޓަކައި ހުސްކޮށްލަން ބޭނުންވާ ވަގުތެކެވެ. އާންތުގެ އުއްމީދަކީ އަދިވެސް އިޖްތިމާއީ މަސައްކަތުގައި ފެނިގެން ދިއުމެވެ. އާއިލާއިން އާންތުގެ ކުރިއެރުމާ، އާންތުގެ މަސައްކަތަށް ދޭ ތަރުހީބާ އެއްބާރުލުމަކީ މި ހުރިހާ ކަމެއްގައި ދެމިހުރުމަށް އޭނާއަށް ލިބިގެން ދާ އެންމެ ބޮޑު އެއް ބާރެވެ.