ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެލެއްވިއިރު ރާއްޖެ އޮތީ ބަނގުރޫޓު ވުމުގެ ތުންފަތް މަތީކަމަށާއި ރާއްޖޭގައި ފައިސާނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ށ. މިލަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން މަސައްކަތްކޮށްފައިވަނީ ރާއްޖެ ބަނގުރޫޓު ކޮށްލަން ކަމަށާއި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުން އެކަން ހާސިލު ނުވުމުން އެބޭފުޅުން ކޯފާ ވެގެން އުޅުއްވާ ކަމަށެވެ. މީގެއިތުރުން އެމްޑީޕީ ރާއްޖޭގެ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ރާއްޖެއަށް ކުރިމަތިވަނީ ބޮޑު ބިރުވެރިކަމެއްކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ތިން މަސް ދުވަސް ތެރޭ ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ރައީސް މުއިއްޒު ދަތުރު ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަމުންގެންދަވާ ކަމަށާއި ބުރަ މަސައްކަތް ކުރާ ވެރިއަކީ މިއީ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް ރާއްޖޭގެ އެކި ކައުންސިލުތަކާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހެކި ވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސްގެ ހަރުދަނާ ސިޔާސަތުތަކަށް އިންޓަނޭޝަނަލް މޮނެޓަރީ ފަންޑާއި، ދުނިޔޭގެ މާލީ ވުޒާރާތަކުގެ ޓޮޕް އެކްސްޕާޓުން ރައީސަށާއި އެމަނިކުފާނުގެ އެޑްމިނިސްޓްރޭޝަނަށް ޝުކުރު ވިދާޅުވެފައިވާކަމަށްވެސް ސައީދު ވަނީ ވިދާޅުވެފައެވެ.