ށ. މިލަންދޫގައި ވައުދުވި ފަދައިން އެއާޕޯޓު އަޅައިދޭނެ ކަމުގެ ޔަގީންކަން އެރަށު ރައްޔިތުންނަށް ދޭ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަންދޫގެ ރައްޔިތުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ މިލަންދޫގައި އެއާޕޯޓެއް އެޅުމަށް ވައުދުވީ ފަދައިން އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވައުދުވެވަޑައިގެންނެވި ހުރިހާކަމެއް ފުރިހަމަކޮށްދެއްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިލަންދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ކުރިއަށް ގެންދާކަމަށެވެ.

އަދި މަގުތައް ހެދުމާއި ހޮސްޕިޓަލްގެ މަސައްކަތާއި، އިންޑޯ އައުޓްޑޯ ކުޅިވަރު ކުޅޭ ކޮމްޕްލެކްސް ހެދުމާއި، މީގެ އިތުރުން ހައުސިން ދާއިރާއިން ހުރި ވައުދުތައް ހިމެނޭހެން ހުރިހާ ވައުދުތައް ފުއްދަވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އުތުރު ދަތުރުގެ ތެރެއިން ރައީސް ވަނީ ހއ. ދިއްދޫގައި އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފައެވެ. އަދި ދެކުނުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ގއ. ކޮލަމާފުށީގައި ވެސް އެއާޕޯޓެއް އެޅުމަށް ވައުދުވެވަޑައިގެންފައެވެ.

މީގެއިތުރުން ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ.