ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވުމުގެ މަސައްކަތް ކުރަމުންދާ ޕީއެންއެފް އުފައްދުމަށް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވަނިކޮށް މިއަދު 3000 ފޯމު ހުށަހަޅައިފިއެވެ.
އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ޕީޕަލްސް ޕީއެންއެފް ގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުުރާ މުއްދަތުގައި 3060 ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އީސީއިން އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައިވާ ކަމަށާއި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން ލަހެއް ނުވެ ޕީއެންއެފް އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީއިން ޒެއިން އަބްދުﷲ ޔާމީން އަށް އަރުވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއްދައަކަށް އެދި އީސީއަށް ހުށަހަޅާފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު ކަމަށްވާއިރު އީސީއިން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އެ މަހުގެ 29 ވަނަ ދުވަހެވެ.
އެ ހިސާބުން ފެށިގެން އެ ޕާޓީ އުފެއްދުމަށް ފޯމު ފުރުމުގެ މަސައްކަތަށް ފެށި ނަމަވެސް އެ ޕާޓީގެ އެއް މުއައްސިސް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "ދަ ޕްރެސް" އަށް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބާއްވާނީ ރައީސް ޔާމީން މިނިވަންވެ ވަޑައިގަތުމުން ކަމަށެވެ. އެހެންނަމަވެސް މިއަދު ފޯމު ހުށަހަޅާފައިވަނީ އީސީއިން ދިން މުއްދަތު ހަމަވާން ކައިރިވުމާ ގުޅިގެންނެވެ.
ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައި އުފައްދާ ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީއިން ދީފައިވާއިރު ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރާކާތްތެރިވާ ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު މަލީހް ޖަމާލުއެވެ.
ޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.