ލޯން ދިން ފަރާތާ ވާހަކަދައްކައިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުގެ ތެރެއިން ރަންވޭއަށް 700 މީޓަރު އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އުތުރުގެ ހަތަރު އަތޮޅު އެއްކޮށް އުފެދޭ ޑިވެލޮޕްމެންޓް ޒޯންގެ ތެރޭގައި ހާއްސަ އިސްކަމެއްދީގެން ކުރެވޭ ރަށްތައް ހުރިއިރު އެގޮތަށް ރާއްޖޭ ތަރައްގީކުރަން މަސައްކަތް ނުކޮށްފިނަމަ ދެމެހެއްޓެނިވި ގޮތެއްގައި އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކަށް ސަރުކާރަކަށް ނުދެވޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ތަރައްގީގެ ޕްނޭންގައި ހަނިމާދޫއަކީ ހާއްސަ އިސްކަމެއް ދީގެން ތަރައްގީގެ ގިނަ ގުނަ ކަންކަން މި ސަރުކާރުގެ ސިޔާސަތު ހިމެނޭ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއްގެ މަސައްކަތް ވަނީ ފެށިފައި ކަމަށާއި އެއީ ވަރަށް ރަނގަޅު މުހިއްމު ކަމެއް ކަމަށާއި ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެއާޕޯޓުގެ މަސައްކަތް އޭރުގައި ދިޔަ ސްޕީޑަށް ވުރެ ދާނީ ބާރު ސްޕީޑްގައި ކަމަށެވެ. އަދި އެ އެއާޕޯޓް ފީޒިބަލް ވަނީ ޓޫރިޒަމް ހާއްސަ ގޮތެއްގައި ގެނެވިގެން ކަމަށާއި މިހާރު ވަނީ މޯލްޑިވްސް އިކޮނޮމީ ގޭޓްވޭގެ ނަމުގައި ވަރަށް ބިޔަ އިގްތިސޯދީ މަސައްކަތެއް ހއ އަތޮޅުގއި ފެށޭނެ ކަމަށާއި އެއީ ވަރަށް ގިނަ ވަޒީފާތަކާއި ވަރަށް ގިނަ މީހުންގެ އިގްތިސޯދީ ފުދުންތެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއާއެކު ޓޫރިޒަމް އެ އަތޮޅާއި އެ ޒޯންއަށް ވަރަށް ބޮޑުތަނުން އިތުރުވާން ޖެހޭނެ ކަމަށާއި މި ސަރުކާރުގެ ޓޫރިޒަމް މާސްޓާ ޕްލޭން ކުރިއަށް އޮތް ދުވަސްތަކުގައި އޮތީ ޓޫރިޒަމަށް ވަރަށް ގިނަ މަސައްކަތަކެއް ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ރިސޯޓުތައް ހުޅުވުމާއި އެކި ކަހަލަ ޓޫރިޒަމް އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ އެއާޕޯޓަކީ ވަރަށް ބިޒީ ވަރަށް ސްޓެޓަޖިކް އެއާޕޯޓަކަށް ވެގެންދާނެ ކަމަށާއި އެ މަސައްކަތް ކުރާއިރު އެ މަސައްކަތް ކުރަމުންދަނީ އެތައް ގުނައެއް އަގު ބޮޑުކޮށް، ހަރަދުވާނެ ވަރަށް ވުރެ ބޮޑު ހަރަދެއްގައި ކަމަށެވެ. އަދި އެކި ކަހަލަ ސިނާއަތްތައް ގެންނަން މަސައްކަތް ކުރާއިރުގައި އެތަން ހެދިގެން ދަނީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަން ޖެހޭނެ ކެޕޭސިޓީއަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭނުންވެވަޑައިގަންނަވަނީ އެ ކަމުގައި އެ ލޯން ހަމަޖެއްސި ފަރާތާ ވާހަކަދައްކައިގެން މިކަމަކަށް އެދެވޭ ހައްލެއް ގެނެވޭތޯ މަސައްކަތް ކުރުން ކަމަށާއި ރަންވޭ މިހާރަށްވުރެ ދިގުކޮށް އިތުރު 700 މީޓަރު އިތުރުކުރެވޭތޯ މަސައްކަތް ކުރަން ކަމަށެވެ. އަދި އެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެން ދެއްވަމުން ރައީސް ވިދާޅުވީ އެކަން ހާސިލްވާނެ ކަމެއް ނުވަތް ނުވާނެ ކަން އެނގިވަޑައިގަންނަވާނީ މަސައްކަތް ކުރެވުމުން ކަމަށެވެ.
ރައީސް އިތުރަށް ވިދާލުވީ އެއާއެކީގައި އަންނަ ޖެހޭ ތަރައްގީ ޓޫރިޒަމް ހާއްސަ މަސައްކަތެއް ކުރާނެ ކަމަށާއި އެއީ އެ އަތޮޅަށް އަދި ހުރިހާ ރައްޔިތުންނަށްވެސް މުހިއްމު ކަމެއް ކަމަށެވެ.