ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 108 އުޅަނދު ނަގާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފިއެވެ.
އެ އުޅަނދުތައް ނަގާފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދު މާލެ ސަރަހައްދުގައި ގިނަވެ، މަގުމަތި ތޮއްޖެހުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްއެ މިނިސްޓްރީއިން ވަނީ މި މަހުގެ 17 ވަނަ ދުވަހު ފެށި މަސައްކަތުގެ ދަށުންނެވެ.
އެ ޕްރޮގްރާމްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެ މިނިސްޓްރީއިން ބުނީ މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސްވަންދެން ބަހައްޓާފައި ހުރި އުޅަނދުތައް މަގުތަކުން ނެގުމުގެ މަސައްކަތުގެ ތެރެއިން މި ނިމިދިޔަ ހަފްތާތެރޭގައި މާލެއިންނާއި ހުޅުމާލެއިން 52 އުޅަނދު ނެގުނު ކަމަށާއި މިހާތަނަށް ޖުމްލަ 108 އުޅަނދެއް ނަގާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ މުހިންމު މަސައްކަތުގެ މަގްސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން މީހުންގެ ފުރާނަ ގެއްލިގެންދާ ރޭޓް ދަށްކޮށް އަދި ނުރައްކާތެރިކަމަށް ހުށަހެޅިގެންދާ ފަރާތްތައް މަދުކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމާއެކު ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށްދިނުން ކަމަށެވެ.
ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހަތަރު މަސައްކަތް:
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދެއްގެ ގޮތުގައި ނުބެލެވޭ ކުނީގެ ގޮތުގައި ހުރި އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުން.
- ވޮލަންޓިއާކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދިނުން.
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ މި އުޅަނދުތައް އެއްގަމު ދަތުރުފަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ޓޯކޮށް ނައްތާލުން.
- ރަޖިސްޓަރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތައް މަގުމަތިން ނެގުން.
އެ ޕްރޮގްރާމްކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްނެގުމާއެކު ފުލުހުން، މާލެ ސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ހައުސިން މިނިސްޓްރީގެ އިތުރުން ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.